ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަށް ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު މެމްބަރުންކަން ހާމަވެއްޖެ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން ނިންމީ އިއްޔެ އެވެ. އެ މައްސަލައިގަ 54 މެމްބަރުން ސޮއި ކުރައްވާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެމްޑީޕީ މެމްބަރުންގެ ތެރެއިން އެ މައްސަލައިގަ ސޮއި ނުކުރައްވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މީގެ ތެރެއިން ދޮންބިލެއް ދާދިފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައި އެވެ. އަދި ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ތައުރީފު ކުރެއްވި އެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމަށް އެމްޑީޕީ ޕީޖީން ފެށި މަސައްކަތުގައި މިހާތަނަށް 54 މެންބަރުންގެ ސޮއި ހޯދާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ މިއަދު ހުށަހަޅާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް