ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.
ޑިމޮކްރޭޓްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ އެކެވެ. ޕާޓީ އުފައްދަން ބޭނުންވާ3،000 މެމްބަރުންގެ ސޮއި ހަމަކޮށް މިދިޔަ ހަފްތާގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ30 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގެންނަން ފެންނަ ކަމަށް ވޯޓު ދެއްވީ16 މެމްބަރުންނެވެ.
ހަސަންގެ މައްސަލައިގަ ވިދާޅުވީ އީސީއަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން “ވަގަށް ހޯދައި” އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސް އަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ. އެ އަމަލު ހިންގުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ކަމަށެވެ.
ހަސަން ވިދާޅުވީ، އެއީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދުނު ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އަށް ސޮއި ކުރި މީހުންނަށް ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. ސަރުކާރުގެ ބިރުދެއްކުމުގެ އަމަލުތަކާ އެކު ވެސް، ޑިމޮކްރެޓްސް އަށް ސޮއިކުރި މެމްބަރުން ސާބިތުކަމާ އެކު ތިބުމަށް ހަސަން އެދިވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް