ޗައިނާގެ ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކުގައި އަންހެނުން ނެތުމުން އދ އިން ކަންބޮޑުވުން ފާޅުކޮށްފި

ޗައިނާގެ އެންމެ މަތީ ލީޑަޝިޕްގައި އަންހެނުން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިފަކޮށް، ސަރުކާރުގެ މަތީ ފަންތީގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ހާއްސަ ސިސްޓަމެއް ޤާއިމްކުރުމަށް އދ އިން އިލ...

07 Jun 2023 | 04:40

ޗައިނާގެ އެންމެ މަތީ ލީޑަޝިޕްގައި އަންހެނުން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިފަކޮށް، ސަރުކާރުގެ މަތީ ފަންތީގައި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ހާއްސަ ސިސްޓަމެއް ޤާއިމްކުރުމަށް އދ އިން އިލްތިމާސްކޮށްފިއެވެ.

އދ ގެ ކޮމިޓީ އޮން އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވުމެން ކޮމިޓީއިން ޗައިނާއަށް މިކަން އިލްތިމާސްކޮށްފައިވާއިރު، ޖަރުމަނު، އައިސްލޭންޑް، ސައު ތޯމޭ އެންޑް ޕްރިންސިޕެ، ސްލޮވާކިއާ، ސްޕެއިން، ތިމޯ ލެސްތޭ އަދި ވެނެޒުއޭލާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ މިންވަރާ ބެހޭ ހޯދުންތައްވެސް ވަނީ ހޯދާފައެވެ.

އދ. އިން ވަނީ ސިޔާސީ އަދި އާންމު ދިރިއުޅުމުގައި ޗައިނާގެ އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ 14 ވަނަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޑެޕިއުޓީންގެ އެންމެ 26.54 ޕަސެންޓް އަންހެނުން ތަމްސީލުކުރާތީ އެވެ. އެގޮތުން ޝަރުއީ ދާއިރާއާއި ޚާރިޖީ ހިދުމަތް ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ ބިއުރޯތަކެއްގައި ޚާއްސަކޮށް ނިންމުންތައް ނިންމުމުގެ ފެންވަރުގައި އަންހެނުންގެ އަދަދު އިތުރުކުރުމަށް ޗައިނާއަށް އދ އިން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

"2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ 24 މެމްބަރުންގެ ތެރެއިން 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަންހެނަކު ނެތް، އަދި ޕޮލިޓްބިއުރޯގެ ދާއިމީ ކޮމިޓީގެ ހަތް މެންބަރުންގެ ތެރޭގައި އަންހެނަކު ނެތް." އދ ގެ ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން އެންޖީއޯ ރަޖިސްޓްރޭޝަންތަކަށް މާބޮޑަށް ހުރަސްއެޅިފައިވާތީއާއި އިންސާނީ ހައްގުތައް ދިފާއުކުރާ އަންހެނުންނަށް ބިރުދެއްކުމާއި ގޯނާކުރާތީ އެ ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ ބަދަލުތަކާއި އަންހެނުންގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ސަރުކާރުން "ބޮޑު އަހަންމިއްޔަތެއް" ދޭ ކަމަށާއި "ކޮމިޓީން ދޭ ބޭނުންތެރި ކޮމެންޓްތައް ފަރުވާތެރިކަމާއެކު ދިރާސާކޮށް ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ މަގުސަދު ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް