ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލައެއް މަޖިލީހުން ބަލަނީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން ފަށައިފި އެވެ. އެސްއޯއޯ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅު...

07 Jun 2022 | 07:39

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން ފަށައިފި އެވެ.

އެސްއޯއޯ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ. މި މައްސަލަ ބަލަން ކޮމިޓީން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އެވެ.

މިމައްސަލަ ނިހާދު ހުށަހެޅުއްވީ ޕީއެސްއެމް އިން 100 މިލިއަން ރުފިޔާ އަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލުމުންނެވެ. އަދި އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައިވުމުން އެކަން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ 100 މިލިއަން ރުފިޔާގެ ހިޔާތާނުގެ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަ ވެސް ބެލުމަށެވެ

ނާހިދުގެ މައްސަލައަށް ކޮމީޓީގެ ހުރިހާ މެމްބަރުން ތާއިދު ކުރެއްވި އެވެ.

މިދިޔަ ހުކުރު ދުވަހު ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭތީ އައުޓްސޯސްކޮށްގެން ކުންފުނީގެ އޮޑިޓް ހަދަން ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އުވާލު އޮޑިޓް ޑިޕާޓްމެންޓުގެ ބައެއް ވެރިން ވަނީ އެ ޑިޕާޓްމެންޓު އުވާލީ ހިޔާނާތުގެ މައްސަލަތަކެއް ބަލައި އެ މައްސަލަތަކަށް ފިޔަވަޅު އެޅުމަށް ބޯޑަށް ހުށަހެޅުމުން ކަމަށް މީޑިއާގައި ވިދާޅުވެފައި އެވެ. އެ ބޭފުޅުން މީޑިއާގައި ވިދާޅުވީ ޕީއެސްއެމްގައި ހިޔާނާތުގެ އަމަލު ހިންގުމުގައި ބައިވެރިވަމުންދަނީ ތަނުގައި ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ކަމަށާއި އެމީހުންނާއި ދެކޮޅަށް ބޯޑަށް ފިޔަވަޅުއަޅަން ނުކެރޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް