އިދިކޮޅުން އުޅުނީ ރަސޫލާގެ ނަންފުޅު ބޭނުންކުރައްވައިގެން ސިޔާސީ ޑްރާމާ ކުޅެން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅުން އުޅުނީ ކީރިތި ރަސޫލާ މުހައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުންކުރައްވައިގެން ސިޔާސީ ޑްރާމާ ކުޅުމަށް ކަމުގައި ވެރިކަންކުރާ މ...

07 Jun 2022 | 04:35

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅުން އުޅުނީ ކީރިތި ރަސޫލާ މުހައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުންކުރައްވައިގެން ސިޔާސީ ޑްރާމާ ކުޅުމަށް ކަމުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އިންޑިއާގެ ސަރުކާރުގެ މައި ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން އެމްޑީޕީގެ މެންބަރުން ވޯޓު ދިނުމުން އެކަމާއި ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނައިރު، މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެހެނަސް އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

"އަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގަޔާއި އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެކެވެ." އެމްޑީޕީން ބުނެފައިވެއެވެ.

އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށް އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ ޕީޖީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުންނާއި އެމް.ޑީ.ޕީ.އިން ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް މިއަދުގެ ވަގުތެއްގައި ބަޔާން ނެރިފައިވާކަންވެސް އެ ޕާލަމެންޓްރީ ގްރޫޕުން ފާހަގަކުރާކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމަކީ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެއް ކަމަށެވެ. އަދި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ދިފާޢުގައި އަދުގެ ސަރުކާރެކޭ އެއްފަދައިން މި ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް