އިތުބާރު ނެތްކަމުގެ ވޯޓުން ޝަހުބާން އަނެއްކާވެސް ސަލާމަތް ވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީގެ އިތުބާރު ނެތްކަމުގެ ވޯޓުން އަނެއްކާވެސް އޭނާ ސަލާމަތް ވެއްޖެ އެވެ. ޝަހުބާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރަން ...

06 Jun 2022 | 19:05

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީގެ އިތުބާރު ނެތްކަމުގެ ވޯޓުން އަނެއްކާވެސް އޭނާ ސަލާމަތް ވެއްޖެ އެވެ.

ޝަހުބާންގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރަން އުޅެނީ އޭނާގެ މައްޗަށް ފުލުހުން މަނީލޯންޑަރިންގެ ތުހުމަތު ކޮށް މައްސަލަ ތަހުގީގު ކުރަމުންދާތީ އެވެ. އެ ތުހުމަތަށް ޝަހުބާން ވަނީ އިންކާރު ކުރައްވާފަ އެވެ.

އެމްއެމްސީން ބުނީ ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ވޯޓުލީ ކަމަށެވެ. އެކަމަކު ޝަހުބާން ސަލާމަތްވީ އެއް ވޯޓުން ކަމަށް މައުލޫމާތުދެ އެވެ.

އެމްއެމްސީގެ ގަވާއިދު އޮންނަ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމަށް މަދުވެގެން 10 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ.

ރޭގެ ބައްދަލުވުމުގައި ޝަހުބާންއާއި ދެކޮޅަށް ލިބުނީ ނުވަ ވޯޓެވެ. އެންމެ ފުރަތަމަ ފަހަރު ޝަހުބާން އާއި ދެކޮޅަށް ލިބުނީ އަށް ވޯޓެވެ.

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު، ޝަހުބާން މަގާމުގައި ހުންނަވާތީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކައުންސިލްގެ ނުވަ މެމްބަރެއްގެ ސޮޔާއެކު ގަރާރެއް ވެސް ކުރިން ނެރެފައިވެ އެވެ. އެ ގަރާރު ނެރުނީ ޝަހުބާނާ މަޝްވަރާ ކުރުމަށް ފަހު އިސްތިއުފާ ދެއްވަން ދިން މުއްދަތު ހަމަވުމުންނެވެ.

އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށްވެސް އޮތީ ހުށަހަޅާފަ އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ޝަހުބާނު ހިމެނެ އެވެ. ދެން ހިމެނެނީ އޭނާގެ ބޭބެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް