މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ 30 ހާސް މީހުނަށް ގުޅީފަޅުން ގޯތި ދޭން

މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ 30 ހާހެއްހާ މީހުނަށް ގުޅީފަޅުން ގޯތި ލިބޭނެ ގޮތް ވުމަށް ކަމަށް އެ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލެ ސިޓީ ކައުންސިލްގެ ދެވަނަ ރަސްމީ ބައްދަލުވުމުގައި ފާސްވެ، ގުޅީފަޅަ...

07 Jun 2021 | 18:35

މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ 30 ހާހެއްހާ މީހުނަށް ގުޅީފަޅުން ގޯތި ލިބޭނެ ގޮތް ވުމަށް ކަމަށް އެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ދެވަނަ ރަސްމީ ބައްދަލުވުމުގައި ފާސްވެ، ގުޅީފަޅަކީ މާލެ ރައްޔިތުންގެ ގެދޮރުވެރި މަންޒިލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެކަމަށް އެ ކައުންސިލުން ބުނެފައި ވީ ނަމަވެސް، އަދިވެސް ގުޅީފަޅު މަޝްރޫޢު ކުރިއަށް ދަނީ ކުރިން ޕްލޭން ކުރެވިފައިވާ ގޮތަށެވެ.

އެހެންކަމުން، ޕްލޭން ރިވައިސް ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ އެކީގައި، މާލެ ސިޓީކައުންސިލާއެކު ބައްދަލުވުމެއް ރާވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވފައިވެއެވެ.

އެ ކައުންސިލްގެ އަމާޒަކީ މަދުވެގެން30 ހާސް ރައްޔިތުންނަށް ގުޅީފަޅުން ގޯތި ލިބޭނެގޮތަށް ޕްލޭން ރިވައިސްް ކުރުމެވެ. އެހެންކަމުން އެ މަސައްކަތް ފައްޓަވާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މިހާރު ހެދިފައިވާ ޕްލޭން އާ އެއްގޮތަށ،ް އެތަންް ތަރައްޤީކުރަން މާލެ ސިޓީ ކައުންސިލްގެ ތާއީދެއް ނެތް ކަމަށް އެ ކައުންސިލުން ބުނެއެވެ. އެއާ ޚިލާފަށް، ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް ގެދޮރުގެ މަންޒިލަކަށް އެތަން ބަދަލުވާ ގޮތަށް ޕްލޭން ހަދާ ނަމަ، މާލެ ސިޓީ ކައުންސިލްގެ ތާއީދު އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

އެހެންކަމުން އެ ޕްލާން ރިވައިޒް ކުރާނެ ކަމުގެ އިޝާރާތެއް ލިބިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

ނަމަވެސް ކުރިންވެސް ޕްލޭންގައި އޮއްގޮތަށް މީޑިޔާތަކާ ހިއްސާކުރިކަން ފާހަގަކުރަމުން ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައި ވަނީ، ސިޓީކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް، އެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެނެސް އެގޮތަށް އެ ޕްލޭން ހިއްސާކުރުމުން، ސިޓީ ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްތަކުގައި އެވާހަކަ ދަންނަވާފައެވެ.

ނަމަވެސް އެ ޕްލޭން ރައްޔިތުން އެދޭގޮތަށް ބަދަލު ކުރުމަށް ސިިޓީކައުންސިލަށް މިހާތަނަށް ފުރުސަތު ލިބިފައި ނުވާކަމަށް ސިޓީކައުންސިލުން ބުނެއެވެ.

އެކަމާ ގުޅިގެން، މި ހަފްތާތެރޭގައި މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީ އިސް ރައްވެހިންގެ ޖަމުއިއްޔާއާއި ބައްދަލުކޮށްފައި ވެއެވެ.

މި މައްސަލައިގައި، ކޯޓަށް ދާން ޖެހިއްޖެނަމަ، އެކަމަށް ވެސް ތައްޔާރުގައި ތިބިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް