މާލެ ސިޓީގެ ކަރަންޓް، ފެން އަދި ކުނި ނައްތާލުމުގެ އަގުތައް އަތްފޯރާފަށަށް ގެންނަން މަސައްކަތް ކުރަނީ

މާލެ ސިޓީގެ ކަރަންޓް، ފެން އަދި ކުނި ނައްތާލުމުގެ އަގުތައް އަތްފޯރާ، ރައްޔިތުން ބޭނުން ހިސާބަކަށް ގެންނަން މަސައްކަތް ކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. މާލެ ސިޓީ ކައ...

07 Jun 2021 | 17:34

މާލެ ސިޓީގެ ކަރަންޓް، ފެން އަދި ކުނި ނައްތާލުމުގެ އަގުތައް އަތްފޯރާ، ރައްޔިތުން ބޭނުން ހިސާބަކަށް ގެންނަން މަސައްކަތް ކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ފެނުގެ ޚިދުމަތާއި ކަރަންޓުގެ ޚިދުމަތާއި ފާޚާނާގެ ޚިދުމަތް ދިނުމަނީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ޤާނޫނުގެ އާއްމު ޚިދުމަތްތަކާ ބެހޭ ބައިގައި ވާކަމަށެވެ.

އެ މަސައްކަތްތައް ސިޓީގައި ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމަށް ވާނަމަ، އެފަރާތްތަކާއެކު އެގްރީމެންޓްތަކެއް ހަދަން ޖެހޭ ކަމަށެވެ. އަދި އެ ޚިދުމަތް ދެނީ ރަނގަޅަށްތޯ ކަށަވަރުވެސް ކުރަން ޖެހޭ ކަމަށެވެ.

އަދި މާލެ ސިޓީގެ ކުނި ނައްތާލުމުގެ ޚިދުމަށް މާލެ ސިޓީ ކައުންސިލުން ކަށަަވަރު ކުރަން ޖެހޭކަމަށް ޤާނޫނުގައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ފަރާތްތަމާއެކު އެގްރީމެންޓް ހަދަންޖެހޭކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އަންނަ ހަފްތާގައި ސްޓެކްލޯ، އެމްޑަބްލިޔުއެސްސީ އަދި ވެމްކޯ އާއެކު އެއްބަސްވުންތަކެއް ހަދަން މަސައްކަތް ކުރާ ކަމަށެވެ.

މި އެއްބަސްވުންގެ މަޤްސަދަކަށް ވާނީ އެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް އަތްފޯރާފަށެއްގައި ލިބޭ ޚިދުމަތްތަކެއްކަން ކަށަވަރު ކޮށްދިނުން ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މިހާރު ކަރަންޓާއި ފެނުގެ ބިލްތައް ހުންނަނީ ރައްޔިތުންގެ އަތްފޯރާ ފަށުގައި ނޫންކަމަށް މާލެ ސިޓީގެ ރައްޔިތުން ބުނަމުން ދާ ކަމަށާއި، އެހެންކަމުން އެއްބަސްވުންތަކުގެ ޒަރިއްޔާއިން، މާލޭގެ ރައްޔިތުންނަށް ދެވޭ ފެނާއި ކަރައްޓާއި ކުނި ނައްތާލުމުގެ ޚިދުމަތަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި، ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތެއްކަން ކަށަވަރު ކޮށްދިނުމަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް