އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.
މިރޭ ބޭއްވި އާންމު މަޖިލީހުގެ ޖަލްސާގައި ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުން އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އާއި ވާދަ ކުރައްވައިގެންނެވެ. ޝާހިދު އަށް 143 ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްލަ އިންތިހާޞުގައި ވޯޓުލާފައިވަނީ 193 ގައުމަކުންނެވެ.
ޝާހިދުއަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޝާހިދު އެ މަގާމު ކާމިިޔާބު ކުރައްވާފައިވަނީ ބޮޑުތަފާތަކުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އދ ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މުޅި ގައުމު ފަޙުރުވެރި ކޮށްދޭނެ ކަމާމެދަކު ޝައްކުނުކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޝާހިދު އެ މަގާމަށް ހޮވިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބުނު މަތިވެރި ޝަރަފެއް ކަމަށެވެ.
https://twitter.com/ibusolih/status/1401930071091212288
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 14 ގަ އެވެ. ކޮންމެ ދައުރަކަށް އދ. ގެ އާންމު މަޖިލީހަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އެ މަސައްކަތް ތިން މަސް ކުރިން ކުރެ އެވެ.
https://twitter.com/KerafaNaseem/status/1401931503462862852
ފޮރިން މިނިސްޓަރ ޝާހިދުގެ ކާމިޔާބީ ފާހަގަކޮށް، ހެލްތް މިނިސްޓަރ އަހުމަދު ނަސީމްވެސް ވަނީ ޝަހިދަށް ތަހުނިޔާ ވިދާޅުވެ ޓުވީޓު ކުރައްވާފައި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށްފަހު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފުރަތަމަ ތަގުރީރު ދެއްވީ ސީދާ ދިވެހި ބަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް