މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ މި މަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމުން، އެމްޓީސީސީއިން ބުނެފައި ވަނީ، އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 20 ޖޫން ވާ އާދިއްތަ ދުވަހުގެ މެންދުރު 00:13 ގައި ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ މި އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މީގެ ކުރިން ފަސްކޮށްފައި ވެއެވެ. އެމްޓީސީސީން ބުނީ ޖަލްސާ ފަސް ކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު ކަމަށެވެ.
އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވަނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސީއެމްޑީއޭގެ ހުއްދަ ލިބިފައިވުމުން ޖަލްސާ ފަސްކުރި ނަމަވެސް ޖޫން 30 ވަނަ ދުވަހުގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށް އެމްޓީސީސީން އޭރު ވަނީ ބުނެފައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާ އަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް 40 އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް