އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދު ކާމިޔާބު ކުރައްވައިފި

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގެންފި އެވެ. ޝާހިދު އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އަފްޣާނިސްތާނ...

07 Jun 2021 | 15:41

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގެންފި އެވެ.

ޝާހިދު އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އާއި ވާދަ ކުރައްވައިގެންނެވެ. ޝާހިދު އަށް 143 ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްލަ އިންތިހާޞުގައި ވޯޓުލާފައިވަނީ 193 ގައުމަކުންނެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 14 ގަ އެވެ. ކޮންމެ ދައުރަކަށް އދ. ގެ އާންމު މަޖިލީހަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އެ މަސައްކަތް ތިން މަސް ކުރިން ކުރެ އެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ ހަ ވަނަ ގައުމަށެވެ.

އދ.ގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ.

ރާއްޖެ މިގޮނޑިއަށް ވާދަ ކުރާކަން އިއުލާނު ކުރުމަށް ފަހު ވަރުގަދަ ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައިވެ އެވެ. އެގޮތުން ގިނަ ގައުމުތަކަކަށް ޝާހިދު ދަތުރުފުޅު ކުރައްވާ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް ބުރަ މަސައްކަތެއް ކުރެއްވި އެވެ.

މި އިންތިހާބުގެ ކެމްޕެއިނަށް މިއަހަރުގެ ބަޖެޓުގައި 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ދިވެހިރާއްޖެއިން އދ.ގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް