މަކަރުހަދާ ބައިވެރިޔާއަށް މާފް ކުރާނީ ކިހިނެތް؟

މަކަރުހަދާ ބައިވެރިޔާއަށް މާފް ކުރާނީ ކިހިނެތްތޯ މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ގުޅުމެއް އުފެދި އެގުޅުން ބަދަލިވެގެން ދަނީ ލޯތްބާއި އިތުބާރުގެ މައްޗަށެވެ. އެތަނުން އެެއްކަންތައް އުނި...

07 Jun 2021 | 15:11

މަކަރުހަދާ ބައިވެރިޔާއަށް މާފް ކުރާނީ ކިހިނެތްތޯ މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ގުޅުމެއް އުފެދި އެގުޅުން ބަދަލިވެގެން ދަނީ ލޯތްބާއި އިތުބާރުގެ މައްޗަށެވެ. އެތަނުން އެެއްކަންތައް އުނި ވިޔަސް، އެ ގުޅުމެއް ހީނަރުވުން އޮންނާނީ ވަރަށް ގާތުގައެވެ.

ހަޔާތުގެ ބައިވެރިޔާ ނުވަތަ ތިމާ ވަރަށް އިތުބާރުކުރާ މީހެއް ތިމާއަށް މަކަރު ހެދުމަކީ ހިތް ކުދިކުދިވާ ކަމެކެވެ. އެފަދަ ދަނޑިވަޅެއްގައި އެމީހަކާ ވާހަކަ ދެއްކުމަކީ ދަތި އުނދަގޫ އަދި ހިތަށް ނުކުޅަދާނަ ވަރުގެ ވޭންތަކެއް ލިބޭ ވަގުތުތަކެކެވެ.

އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ހިތަށް ވޭން ދެނިވި އަނިޔާލިބި، ކަންކަމުގައި ގޯސްކޮށް ވިސްނޭތަން އާދެއެވެ. ނަމަވެސް ވިސްނާލަންވީ ކަމަކީ، އެފަދަ ވަގުތަކީ އެ ގުޅުމެއް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މަޢާފް ކުރަންވީ ވަގުތުކަމެވެ.

މި ލިޔުމުގައި އަލިއަޅުވާލާނީ، ބައިވެރިޔާ މަކަރުހަދާ ނަމަ، ދެމީހުންގެ ގުޅުން ނިންމާލުމުގެ ކުރީގައި މާފް ކުރުމަށް މަގުފަހިކުރުވާ ބައެއް ކަންތައްތަކުގެ މައްޗަށެވެ. އަމިއްލަ ނަފްސު ހަމަޔައަކަށް އަޅުވަން ކުރެވިދާނެ ބައެއް ކަންތައްތަކުގެ މައްޗަށެވެ.

ބައިވެރިޔާ މަކަރުހަދައިފިކަން އެނގޭ ވަގުތަކީ ވަރަށް ތަފާތު ޢިހުސާސްތަކެއް ކުއްލިއަކަށް ގެނުވާކަމެކެވެ. ރުޅިވެރިކަމާއި ނަފްރަތު އޭގެ އިންތިހާއަށް ކުރެވެއެވެ. ނަމަވެސް ވިސްނާލަންވީ ކަމަކީ، އެގޮތަށް ރުޅިއާއި ހަސަދަ ލައިގެން ތިމާގެ ސިއްހަތަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެވެ. އެފަދަ ހާލަތްތަކުގައި ވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން ޚިޔާރު ކުރާށެވެ. ބައިވެރިޔާއާ ރީތިކޮށް ވާހަކަ ދައްކާށެވެ. ނަމަވެސް އެކުވެފައިވާ އިހުސާސްތައް މިކަމުގައި ކުރިހޯދިޔަ ނުދޭށެވެ.

ބައިވެރިޔާ ކެހިދިން ނަމަވެސް ނަފްސާނީގޮތުން ތިމާ ބަލިކަށިވިޔަ ނުދޭށެވެ. ނުނިދާ ގިނަ ރޭތަކެއް ހޭދަކުރުމާއި އާވާރާއެއް ފަދައިން އުޅުމުން އެކަމުގެ ގެއްލުން ތިމާއަށް ނަފްސާނީގޮތުން ކުރެއެވެ.

ބައިވެރިޔާއަށް ވަގުތުދޭށެވެ. އަމިއްލައަށް ކަންކަމާއި ވިސްނާ، ރަނގަޅު ގޮތެއް ނިންމަށް ފުރުސަތު ދޭށެވެ. މަކުނު ސައްކެޔޮގަހަށް އަރާ ބީދައިން އަބަދު ބައިވެރިޔާގެ ފޫބުޑުގައި ވިއްދާ، އެ ވާހަކަ ދެއްކުމަށް ގަދަފައި ނުވިއްދާށެވެ.

އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށް، ސިކުނޑިއަށް ލުއިކަމެއް ދޭށެވެ. ބައިވެރިޔާ އިސްނަގައިގެން ވާހަކަ ދައްކާނެތޯ ނޫންތޯ ނުވިސްނާށެވެ. އެކަމާ އުޅޭނީ ހަމަޖެހިލައިގެންނެވެ.

ބައިވެރިޔާ މަކަރުހެދުމުން އެކަމުގެ ހިތާމައިގައި އެނދުބިއްދޮށުގައި ރަޖާ އަޅައިގެން ނޯވެ، ލޯބިވާ ގާތް މީހުންނާއެކު ވަގުތު ހޭދަ ކުރާށެވެ. އާއިލާއާއި ރައްޓެހިންނާއެކު އުޅެލައި، އިތުބާރު ކުރެވޭ ގާތް މީހުންގެ މަޝްވަރާއާއި ޚިޔާލު ހޯދާލާށެވެ. ސިކުނޑި ހަމަޖައްސާލާށެވެ.

ބައިވެރިޔާ ތިމާއަށް ބޭފަފާވެރިވެ، މަކަރާއި ހީލަތް ހެދުމުގެ ސަބަބުން އެކަމުން އަރައި ނުގަނެވުނު ނަމަ ތެރަޕިސްޓެއްގެ ލަފާވެސް ހޯދުދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް