ސްރީލަންކާގެ ޖަފްނާގެ މިސްކިތެއްގައި ހުކުރު ނަމާދަށް ތިބި ބަޔަކު އެ ޤައުމުގެ ފުލުހުން ގަދަ ކަމުން މިސްކިތުން ނެރެލާ ކަރަންޓީނު ކުރުވައި ފިއެވެ.
ފުލުހުން މިގޮތަށް އަމަލުކޮށްފައި ވަނީ ޖަފްނާ ސަރަޙައްދުގެ ޕަބްލިކް ހެލްތު އިންސްޕެކްޓަރުގެ އިރުޝާދުގެ ދަށުންނެވެ.
މިދިޔަ ހުކުރު ދުވަހު ޖަފްނާގެ ގްރީން ސްކޫލު މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދިޔަ މުސްލިމުންތަކެއް ގަދަކަމުން ނެރެލުމަށް ފަހު، އެމީހުންނަށް މިހާރު ވަނީ ކަރަންޓީނުވުން ލާޒިމް ކޮށްފައެެވެ.މީގެ ތެރެއިން ބައެއް މީހުންނަށް 14 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނު ވާން އަމުރު ކޮށްފައިވާ އިރު، އަނެއް ބަޔަކަށް ވަނީ އެ ސްކޫލުގައި ކަރަންޓީނު ވާން އަންގާފައެވެ.
ލަންކާގައި ކޮވިޑު 19ގެ ހާލަތު ހުރި ގޮތުން، މިވަގުތު އެ ޤައުމުގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ހުއްދަ ދެވެނީ ހަމައެކަނި ޒަރޫރީ ޚިދުމަތްތައް ލިބިގަންނަން ނުކުންނަ ފަރާތްތަކަށެވެ.އެހެން އެންމެން ޝާމިލުވާނެހެން ލަންކާގައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރުން މަނާ ކޮށްފައެވެ. ނަަމަވެސް ލަންކާގެ ގިނަ ބަޔަކު އަންނަނީ ދީނީ އަޅުކަންތައް އަދާ ކުރަން ދިއުމަކީ ޒަރޫރީ ބޭނުމެއް ކަމަށް ބުނަމުންނެވެ.
ދަތުރު ކުރުުން މަނާ ކުރުމުގެ ޤަަވައިދުގެ ދަށުން ތަމަޅަ ސަރަހައްދުތަކުގައި ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.އަދި މިހާ ހަރުކަށިކޮށް ޤަވައިދު މި ސަރަހައްދުތަކުގައި ތަންފީޒު ކުރަމުން ދާތީ އެ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ.ސަބަބަކީ، މިކަމުގެ ސަބަބުން މި ސަރަހައްދުތަކެ މީހުންނަށް ވަނީ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް ޖަފްނާއާއި ވަވުނިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މި ކަމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތި ވެފައި ވެއެވެ.
އެގޮތުުން މިދޭ ތެރެއިން ކުރި ބޯ ވިއްސާރައިގައި، ލަންކާ ސިފައިން ވަވުނިޔާގައި އަޅާފައިވާ ވަގުތީ ކޮވިޑު ފެސިލިޓީއަށް މީހުން ގެންދިއުމުގައި އަދި އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ގިނަ ދަތިތަކެއް މި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތި ވެފައި ވެއެވެ.މީގެ އިތުރުން، ދަތުރުކުރުން މަނާ ކުރުމުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވެ، ވަވުނިޔާގެ ގިނަ އާއިލާތަކަކަށް މިވަގުތު ވަނީ ހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ.އަދި ގިނަ ގޭގޭގައި ބޯނެ ފެން ހުސްވެ، ނަރުދަމާ ނިޒާމު ޚިދުމަތްތަކުގެ އިތުރުން ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައިވާ ކަމަށް މި ސަރަހައްދުތަކުގެ މީހުން ބުނެއެވެ.
މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންވަނީ، އެހެން ސަރަހައްދުތަކުގެ ރައްޔިތުންނަށް ދަތުރު ކުރުމުގައި ލުއިތައް ދީފައިވާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.ލަންކާގެ އުތުރުގެ ސަރަހައްދުގެ ރައްޔިތުންނަށް ދުތުރު ކުރުމުގައި ދީފައިވާ ލުއިތަކުގެ ސަބަބުން، އެ ސަރަހައްދުތަކުން ގިނަ ބަޔަކު އަންނަނީ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ދަތުރު ކުރަމުންނެވެ.އަދި މި ސަރަހައްދުތަކަށް ދަތުރު ކުރާ އެހެން ސަރަަހައްދުތަކުގެ މީހުންނަށް އިދާރާތަކުން ލުއި ގޮތްތައް ފަހި ކޮށްދީ، ތަފާތު ކުރާ ކަމަށް ވެވުނިޔާގެ މީހުން ބުނެއެވެ.
ލަންކާގައި ދަތުރު ކުރުން މަނާ ކުރި ފަހުން،ފުރައްސާރަކުރުމާއި ބިރު ދެއްކުންފަދަ ކަންކަން އިސްކަރީ ސިފައިންގެ ފަރާތުން ކުރިމަތި ވަމުން އަންނަ ކަމަށް މި ސަރަހައްދުތަކުގެ އާންމުން ވަނީ ބުނެފައެވެ.އަދި ސަރވިލެންސް ނުވަތަ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ފާރަވެރިވުންވެސް ވަނީ އިތުރު ކޮށްފައެވެ. ކޮވިޑު 19 އާއި ގުޅިގެން ލަންކާއިން އެޅި ޚާއްސަ ފިޔަވަޅުތަކާއިއެކު، މި ފިޔަވަޅުތައް ތަންފީޒު ކުރަން ނެރެފައި ވަނީ ލަންކާގެ އަސްކަރީ ސިފައިންނެެވެ.މިގޮތުން،ސިފައިން އަންނަނީ ޑްރޯން މެދުވެރިކޮށް ވައިގެ މަގުންވެސް މީހުން އުޅޭ ނޫޅޭ ގޮތް ބަލާ، ޤަވައިދާއި ޚިލާފުވާ މީހުން ހައްޔަރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް