މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް: ޖަމީލް

މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ. ޖަމީލް ވިދާޅުވީ، ޙައްޤު ގޮތް ހޯދަން އެންމެންވެސް ވަކާ...

07 Jun 2021 | 13:15

މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ، ޙައްޤު ގޮތް ހޯދަން އެންމެންވެސް ވަކާލާތުކުރަންވީ، ތިމާއާ ކަންކަން އަރާހަމަކުރާނީ ކޮންއިރަކުކަން ނޭނގޭތީ ކަމަށެވެ.

އަދި އެއްވެސް މީހަކަށް ބޭއިންސާފެއް މެދުވެރިވާއިރު ބެރުޖަހައި އުފާކުރުމަކީ ނާތަޙްޒީބުކަމެއްކަން މިހާރު އީވާއަށް އެނގޭނެ ކަމަށާއި، މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް ކަމަށެވެ.. ޢަދުލުވެރިކަން ޤާއިމްކުރެވޭނީ އެއް ވިސްނުމެއްގެ އަހުލުވެރިން ގުޅިގެން މަސައްކަތްކޮށްގެން ކަމަށ ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލް މިހެން ވިދޅުވެފައި މިވަނީ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ނުރުހުން ފާޅުކުރައްވާފއި ވަނިކޮށެވެ.

ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ތާއީދު ކުރެއްވިއެވެ.

އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއްގައި އީވާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އެގޮތުން އީވާ ވަނީ ބިގޭ ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން “މިކަން ފަނިކުރަން” ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށްވެސް އީވާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ނަޝީދުގެ ހާލަތާމެދު ހަމްދަރުދީ ވާންޖެހޭ މުއްދަތު ހަމަވީތޯ ވެސް ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވިއެވެ.

“މާތްކަލާކޯ، މީވާ ސަރުކާރެއް” އީވާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް