ކުޑަކުދިންގެ ހިޔާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އާކް އިން އަނެއްކާވެސް ގޮވާލައިފި

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދަޢުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން އަނެއްކާވެސް ގޮވާލައިފި އާކް އިން ބުނެފައި ވަނީ، ދައުލަތުގެ ބެލުމ...

07 Jun 2021 | 12:29

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދަޢުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން އަނެއްކާވެސް ގޮވާލައިފި

އާކް އިން ބުނެފައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބަލަހައްޓަމުންދާ މަރުކަޒުކަމުގައިވާ ކުޑަކުދިންގެ ހިޔާގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ އާކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިމިވަނީ ހިޔާގައި ދިރިއުޅެމުންދާ ކުދިން އެކި ރަށްރަށް ބަދަލުކުރުމުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު 10 އަށްވުރެވެސް މަދުވެފައިވަނިކޮންނެވެ.

ކުދިންގެ އަދަދު ވަރަށް މަދުވެ، ހިޔާ ބެލެހެއްޓުން ކުރިޔަށްވުރެ ފަސޭހަވާންޖެހޭ ދަނޑިވަޅެއްގައި މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ވަކިން ޚާއްޞަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އާކް އިން ބުނެއެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަޢުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަނެއްކާވެސް ގޮވާލައި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވެ، އެތަނުގައި ދިރިއުޅެމުންދާ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން މިކަންކަން ހުއްޓުވުމަށްޓަކައި މިފަދަ ހާދިސާތަކުގެ ފުރިހަމަ ތަޙްޤީޤެއްކުރުމަށްވެސް އާކުން ގޮވާލާފައި ވެއެވެ.

މީގެ އިތުރުން، މި އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު އަލިފާނުގެ ހާދިސާއަށްފަހު އެ މަރުކަޒުގެ އަލިފާނާ ގުޅުންހުރި ސަލާމަތީ ކަންކަމުގެ އޮޑިޓްއެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލި ގޮވާލުން އަލުން ތަކުރާރުކޮށްފައި ވެއެވެ.

އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި ހިނގަން ފަށާފައި މިވަނީ މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތަށް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމާއި، މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާހުރެކަން އާކް އިން ފާހަގަކުރިއެވެ.

މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އާކް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް