ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރިތަކަށް އެހީވުމަށް އޯޕެކް ފަންޑުން ބީއެމްއެލް އަށް ލޯނުދެނީ

އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ލޯނު ދޫކުރެވޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުނ...

07 Jun 2021 | 11:33

އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ލޯނު ދޫކުރެވޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނުހަނު ބޮޑަށް ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ރާއްޖޭގެ އިިގްތިސާދުގެ މައިގަނޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއައަށް ވާއިރު، ސިނާއަތުން ސީދާކޮށް ލިބޭ އާމްދަނީ އިން ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާ ކުރާއިރު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުމާވެސް ގުޅިފައިވަނީ މި ސިނާއަތާއެވެ. ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް މިވަނީ  ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

މިއާއެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެގެން ދިޔުމާއެކު އާންމުފަރުދުންގެ ދިރިއުޅުމަށާއި ކުދި ވިޔަފާރިތަކަށް މިވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ދާދި ފަހުން ޝާއިއުކުރެވުނު ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން 2020 ވަނަ އަހަރު ދިވެހި ރާއްޖޭގެ އިގްތިސާދު ވަނީ 30 އިންސައްތަ ދަށްވެފައެވެ. އަދި 2019 ގައި، 2.1 އިންސައްތައިގެ ހުރި ފަގީރުންގެ ނިސްބަތް 2020 ވަނަ އަހަރުވަނީ 7.2 އިންސައްތައަށް އުފުލިފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެ ކުރީގައި އޮތް ބޭންކުވެސްމެއެވެ. މި އެއްބަސްވުމުގެ ދަށުން އެ ބޭންކުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ފައިސާ ދޫކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

" މި ފަންޑިންގ ހަމަޖެހިގެން މިދިޔައީ ކޮވިޑް-19 ގެ ސަބަބުން  ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ނުހަނު ހައްސާސް ދަނޑިވަޅެއްގައި. ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއްކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއްވެސްމެ." ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިވެހިރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ޕްރައިވެޓް ސެކްޓަރ ފަންޑިންގ އާއެކު ރާއްޖޭގައި ގާއިމްކޮށްފައި ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

" އޯޕެކް އާއި ދިވެހިރާއްޖޭގެ ގުޅުން 19977 ވަނަ އަހަރު އުފެދުނީއްސުރެ މިވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ތަރައްގީގެ މުހިންމު ޕްރެޖެކްޓްތަކަށް އޯޕެކް ފަންޑުން މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. ފައިނޭންސް ބޭންކް އޮފް މޯލްޑިވްސް އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައި. އަޅުގަނޑުމެންގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ. މިއީ އިގްތިސާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއް." ޑރ. ޢަބްދުލްހާމިދު ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުގައި ފަތުރުވެރިކަމުގެ ސިނާއަތް އާރާސްތުކުރުމަށް އެހީތެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ރީޖަނަލް ޑައިރެކްޓަރ ފޯރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕް ފޯރ އައިއެފްސީ އޭޝިއާ އެންޑް ޕެސިފިކް ރޯޒީ ޚައްނާ ވިދާޅުވިއެވެ.

" ޕާރޓްނަރ އިދާރާތަކާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދާއިދިނުމުގައި އައިއެފްސީ އިން މިއަންނަނީ އިސްދައުރެއް އަދާކުރަމުން. އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ބޭންކް އޮފް މޯލްޑިވްސް އަށް ލޯނު ދޫކުރުމަށް ކޯ- ލެންޑަރ އެއްގެ ގޮތުގައި އޯޕެކް ފަންޑު ހަމަޖެއްސުމުގައި އައިއެފްސީ އަށް އިސްދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އޯޕެކް ފަންޑުން ލިބޭ މި އެހީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވި، އެ ވިޔަފާރިތައް އާރާސްތުކުރުމަށް އިތުރު ބާރަކަށްވެގެންދާނެ." ރޯޒީ ވިފދާޅުވެފައި ވެއެވެ.

އޯޕެކް ފަންޑުގެ އެހީގައި ގިނަ އަހަރުތަކެއް ވަންދެން މިވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އަށް ލޯނު ދޫކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބަައެއް ހިއްސާ ކުރަނީ ދަތުރު ފަތުރުގެ ނިޒާމް، މަލްޓި-ސެކްޓޯރަލް، ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާއެވެ. މި ލޯނަކީ ޕާޓްނަރ ގައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރަިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރެވުނު އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްސީލް ބޭންކް އޮފް މޯލްޑިވްސް އިން ފަހުން ހާމަކުރާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް