މަޖިލީހަށް ހާޒިރު ކުރަނީ ސިފައިންގެ 29 އޮފިސަރެއް، އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންދިން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން މަޖިލީހުން ކުރިޔަށް ގެންދާ އިންކުއަރީގައި ސިފައިންގެ 29 މީހަކާ ސުވާލުކުރާނެ ކަމަށް ގައުމީ ސަލާމަތާ ބެ...

07 Jun 2021 | 10:27

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން މަޖިލީހުން ކުރިޔަށް ގެންދާ އިންކުއަރީގައި ސިފައިންގެ 29 މީހަކާ ސުވާލުކުރާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ކުރިން މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަޖިލީހަށް މައުލޫމާތު ދޭން ސިފައިން 40 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެކަމަކު މި އަދަދު މިއަދު އަސްލަމް ވަނީ ދޮގު ކުރައްވާފައި އެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީއަށް އެމްއެންޑީއެފްގެ ފަރާތުން ހާޒިރުކުރަން ނިންމާފައި ވަނީ 29 އޮފިސަރެއް ކަމަށާއި ފުލުހުންގެ ހަތް އޮފިސަރެއް ކަމަށެވެ. އެ އަދަދުތަކަށް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށާއި މަތީ ރޭންކުތަކުގެ އޮފިސަރުންގެ ފަރާތުން ބޭނުންވާ ޖަވާބުތައް ލިބެމުންދާ ވަރަކަށް އިތުރު ފަރާތްތަކާ ސުވާލު ނުކުރަން ނިންމުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެ އޮފިސަރުން މަޖިލީހަށް ހާޒިރު ކުރަނީ ކުށްވެރިވެގެން ނޫން ކަމަށެވެ. އެ މީހުން ހާޒިރުކުރަނީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތަކާއި ކޮމިޓީއަށް ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދަން ކަމަށް ވިދާޅުވި އެވެ.

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އިރު މީގެ ކުރިން އެމްއެންޑީއެފުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެ އިދާރާއިން ބުނެފައިވަނީ ފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުޅި މުއައްސަސާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އެކަމާ ގުޅިގެން ކުރިން މައްސަލަތަކެއް އުޅުނަސް މިހާރު ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސިފައިންގެ އިސް ފަރާތްތަކުން ދެއްވާ ކަމަށް

އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ. އަދި އިތުރު ވަޒީރުން ހާޒިރުކުރަން ޖެހޭ ނަަމަ އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް