ރ. ކިނޮޅަހު ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުގެ 35 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
އެ ރަށު ނަރުދަމާ މަޝްރޫއުގެ ދަށުން 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅިއެއް ވަޅުލައި 695 މީޓަރުގެ ޕަމްޕިން ލައިން އެޅުން ހިމެނެއެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތްތަކުގެ ތެރެއިން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނަރުދަމާގެ މަސައްކަތުގެ ތެރެއިން ނަރުދަމާ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ 72 ޕަސެންޓު އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 ޕަސެންޓު މަސައްކަތް ވަނީ ނިމިފަ އެވެ. މީގެ އިތުރުން ސީ އައުޓް ފޯލް އެޅުމުގެ 35 ޕަސެންޓު މަސައްކަތާއި ޕަންޕިން ސްޓޭޝަންތަކުގެ 16 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 36.04 މިލިއަން ރުފިޔާ އަށެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް