ރުޅިގަދަވެ، އީވާގެ ފާޑުކިޔުން ސަރުކާރަށް!

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހު...

07 Jun 2021 | 05:24

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ތާއީދު ކުރެއްވިއެވެ.

މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭއިރު، އެ ކޮމިޓީގައި އެމްޑީޕީ 8 މެމްބަރުން ތިއްބަވައެވެ.

އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއްގައި އީވާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އެގޮތުން އީވާ ވަނީ ބިގޭ ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން "މިކަން ފަނިކުރަން" ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށްވެސް އީވާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ނަޝީދުގެ ހާލަތާމެދު ހަމްދަރުދީ ވާންޖެހޭ މުއްދަތު ހަމަވީތޯ ވެސް ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވިއެވެ.

"މާތްކަލާކޯ، މީވާ ސަރުކާރެއް" އީވާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް