ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުރަސްއަޅަންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލޫގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، "އަލެކްސް އަހުމަދު"ގެ ނަމުގައި އެ މަނިކުފާނުގެ ގެންގުޅުއްވާ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/anedhivehirajje/status/1401612428857823236
ރައީސް ނަޝީދު މިހެން ވިދާޅުވީ، ފަރުދީ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ކުށަކަށް ވެދާނެތީ ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ ކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކުރުމުން ރައްދުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ކުދިން (ސިފައިންގެ ބޭކަލުން) ގާތު (241 ކޮމިޓީއަށް) ނުދާން އެންގީ ސީދާ ވެރިން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުރަސްއަޅަންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ.
ވަކިވަކި ސިފައިންގެ ބަދަލުގައި އިންކުއަރީއަށް ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ވެރިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުގެ މަތިން މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ.
މި މައްސަލަ ހޫނުވެފައިވަނިކޮށް ރޭ ޓީވީ ޕްރޮގްރާމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި، އެ އިންކުއަރީއަށް އެމްއެންޑީއެފް މުއައްސަަސާއެއްގެ ގޮތުގައި ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވާނެ ކަމަށެވެ.
އެހެންނަމަވެސް، ވަކިވަކި ސިފައިންގެ ނަން ޖަހައި، އެމީހުން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި މާރިޔާ ފާހަގަ ކުރެއްވި އެވެ. މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންގެ އެ ކަންބޮޑުވުން އޮތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އޮތް ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް