ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކިން މައުލޫމާތު ހިއްސާކޮށްފިނަމަ ގާނޫނީ ކުށަކަށްވެދާނެތީ ވަކިވަކި ސިފައިން ކަންބޮޑުވާކަމުގައި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މުއައްސަސާގެ ފަރާތުން ހާޒިރުވާން އަންގައިފިނަމަ ފުރިހަމައަށް ޖަވާބުދާރީ ވާނެކަން އަބަދުވެސް އަންގަމުން އަންނަ ކަމަށެވެ. ނަމަވެސް ވަކިވަކި މީހުންނަށް ނަންޖަހާފަ ސިއްރު ސިޓީއަކުން އަންގާއިރު އެކަމުގެ ކަންބޮޑުވުން ވަކިވަކި ސިފައިން ފާޅުކުރާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިމިއޮންނަނީ ސިފައިންގެ މީހެއް، އެމީހަކަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަންވާނީ ހަމައެކަނި ސިފައިންގެ ލީޑަޝިޕަށާ، މިނިސްޓަރަށާ، ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާ، ރައީސުލްޖުމްހޫރިއްޔާއަށްކަން" މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް މަޖިލީހުގެ ބާރު ހިނގާނެކަން ބަޔާންކޮށްފައިވާކަމަށާއި އެއީ ޖަމްއުކޮށް އޮންނަ ކަމެއް ކަަމަށެވެ. އަދި މުޅި މުއައްސަސާ ޖަވާބުދާރީ ވުމުގައި ފުރިހަަމައަށް އިންކުއަރީއަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މާރިޔާ ފާހަގަކުރެއްވިގޮތުގައި ވަކިވަކިން މައުލޫމާތު ހިއްސާކޮށްފިނަމަ އެއީ ގާނޫނީ ކުށަކަށް ވެދާނެތީ އެކަންބޮޑުވުން ވަކިވަކި ސިފައިން ފާހަގަކޮށްފައިވާތީ އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހަށް އެކަން ހުށަހެޅި ކަމަށާއި ވަކިވަކިން ޖަވާބުދާރީ ނުވެ މުޅި މުއައްސަސާ ޖަވާބުދާރީވާން ނިންމި ނިންމުމަކީ އެ މަޖިލީހުގެ ނިންމުމެއް ކަމަށެވެ. އެ މަޖިލީހަކީ އެންމެ މަތީ ފަންތީގެ ޖެނެރަލުންނާއި ކާނަލުންނާއި އޭރިއާ ކޮމާންޑަރުންވެސް ހިމެނޭ މަޖިލީހެއްކަން މާރިޔާ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް