ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ބަހުގެ މި ހަމަލާ ދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެދުވެރިކުރައްވައި ފޮނުއްވެެވި މެސެޖެއްގައެވެ.
މި މެސެޖުގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވއަިގެން އެމްއެންޑީއެފްގެ ވަކި ވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ.
"ކޮންކަމެއްތޯ ސިއްރުކުރައްވާން ތިޔަ އުޅުއްވަނީ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާއި ގުޅިގެން 241 ކޮމިޓީއަށް އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ހާޒިރު ނުކުރޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގެ މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ.
މި މައްސަލައިގާ، މަޖިލީހުގެ އިމްތިޔާޒަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ހުރަސްއަޅުއްވާފައިވާކަމަށްްބުނެ ރައީސް ނަޝީދުގެ ފަރާތުން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް މައްސަލައެެއް ހުށަަހެޅުއްވިއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާއެކު މި މައްސަލަ އެ ކޮމިޓީން މިހާރު ވަނީ ބޭރުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް