އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލައިފި

ޑިފެންްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށްބުނެ ރައީސް ނަޝީދުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ...

07 Jun 2021 | 00:56

ޑިފެންްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށްބުނެ ރައީސް ނަޝީދުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލައިފިއެވެ.

އެ ކޮމިޓީން މި މައްސަލަ ބޭރުކޮށްލާފައިވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނާ ބައެއް މެންބަރުންގެ ވޯޓާވެސް އެކުގައެވެ.

ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ) އިން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް އަންގައި މިނިސްޓްރީގެ ފަރާތުން ފޮނުއްވި ސިޓީއަކާއި ގުޅިގެންނެވެ. އެ ސިޓީގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.

އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބުނާ މައްސަލައިގާ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް ރޭގައި ބާއްވާފައިވާއިރު އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

އެ ސިޓީގައި ޒަމީލް ސޮއި ކުރެއްވި ނަަމަވެސް އެކަމުގައި ޒިންމާ ވާންޖެހޭނީ މިނިސްޓަރު މާރިޔާ ކަމުގައި ބައެއް މެންބަރުން ދެކޭކަމުގައި ރޭ ކޮމިޓީގެ ބައްދަލުވުމުގައި ބަައެއް މެންބަރު ފާހަަގަކުރިކަމަށްވެއެވެ.

ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރުމަށްފަހު އެންމެ ފަހުން ނެގި ވޯޓުގައި އެ ކޮމިޓީން މި މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާއިރު އެގޮތަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނޭތީ އެމްޑީޕީގެ އެތެރޭގެ މަސްރަހު ރޭގައި ވަރަށް ބޮޑުވެގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގައި މިކަމުގައި ހޫނު ބަހުސްތަކެއް ހިނގާފައިވާކަމަށް ބައެއް މަސްދަރުތަކުން ހާމަކުރެއެވެ.

ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނާ މައްސަލައިގާ ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލަށްވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އަދި މިކަމުގައި ޕީޖީން ވަކި ގޮތެއް ނިންމިކަން ހަމަކޮށްފައެއް ނުވެއެވެ.

އިމްތިޔާޒު ކޮމިޓީގެ މެމްބަރުން:

  • ޔާސިރު އަބްދުއްލަތީފް- ކުޅުދުއްފުށި އުތުރު ދާއިރާ. (އެމްޑީޕީ)
  • މުހައްމަދު ވިސާމް- ގަމު ދާއިރާ. (އެމްޑީޕީ)
  • މުހައްމަދު ނަޝީދު އަބްދުﷲ- ނޮޅިވަރަމް ދާއިރާ. (އަމިއްލަ)
  • މުހައްމަދު ރާޣީ- މަކުނުދޫ ދާއިރާ. (އެމްޑީޕީ)
  • އަލީ ރިޒާ- މިލަންދޫ ދާއިރާ. (އެމްޑީޕީ)
  • ހުސައިން ވަހީދު- ކޮމަންޑޫ ދާއިރާ. (އެމްޑީޕީ)
  • އަހުމަދު ހާރޫން- މަނަދޫ ދާއިރާ. (އެމްޑީޕީ)
  • އާދަމް ޝަރީފް- މަޑުއްވަރި ދާއިރާ. (ޕީއެންސީ)
  • މުހައްމަދު ނާޒިމް- ދަނގެތި ދާއިރާ. (ޖޭޕީ)
  • އަހުމަދު ސިޔާމް މުހައްމަދު- މީދޫ ދާއިރާ. (އެމްޑީއޭ)
  • މުހައްމަދު ޣައްސާން މައުމޫން- ގުރައިދޫ ދާއިރާ. (ޕީޕީއެމް)
  • އަބްދުﷲ ސަނީފް- ތިނަދޫ ދެކުނު ދާއިރާ. (އެމްޑީޕީ)
  • އަހުމަދު ރަޝީދު- ހިތަދޫ މެދު ދާއިރާ. (އެމްޑީޕީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް