ނޫޑްލްސް މައްސަލައިގާ ނެސްލޭއާ ދެކޮޅަށް ވަރުގަދަ މައްސަލައެއް ހުށަހެޅުމަށް އިންޑިއާ ސަރުކާރުން ތައްޔާރުވަނީ

ނެސްލޭގެ އުފެއްދުމެއް ކަމަށްވާ މެގީ ނޫޑްލްސް އިން ސިއްހަތައް ނުރައްކާވާ މިންވަރަށް “ލެޑް” އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް” ހުރިކަން ފާހަގަކުރެވުނު މައްސަލައިގާ ނެސްލޭއާ ދެކޮޅަށް ވަރުގަދަ މައްސަލައެއް ހު...

07 Jun 2015 | 05:34

ނެސްލޭގެ އުފެއްދުމެއް ކަމަށްވާ މެގީ ނޫޑްލްސް އިން ސިއްހަތައް ނުރައްކާވާ މިންވަރަށް “ލެޑް” އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް” ހުރިކަން ފާހަގަކުރެވުނު މައްސަލައިގާ ނެސްލޭއާ ދެކޮޅަށް ވަރުގަދަ މައްސަލައެއް ހުށަހެޅުމަށް އިންޑިއާ ސަރުކާރުން ތައްޔާރުވަމުން އެބަ ދެއެވެ.

އިންޑިއާގެ ކަންޒިއުމާ އެފެއާޒް މިނިސްޓްރީން ބުނީ މެގީއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ އާންމުންނަށް ރައްކާތެރިނޫން ކާބޯތަކެތި ވިއްކުމާއި، ވިޔަފާރީގެ އުސޫލުތަކާއި ހިލާފުވުމާއި އޮޅުވާލައިގެން އިސްތިހާރު ކުރާ މައްސަލައިގާ ކަމަށެވެ.

ކޮންޒިއުމާ މިނިސްޓްރީން މި މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ އިންޑިއާގެ ނެޝަނަލް ކޮންޒިއުމާ ޑިސްޕިއުޓް ރެޑްރެސަލް ކޮމިޝަން (އެންސީއާރުޑީސީ) އަށެވެ..

އިންޑިއާގެ ގާނޫނު ބުނާގޮތުން މިފަދަ ކަންކަމުގައި މައްސަލަ ހުށަހަޅަން ޖެހެނީ އެންސީ އާރުޑީސީއަށެވެ. ނަމަވެސް އެ ގާނޫނު އެކުލަވާލި ފަހުން އެ ކޮމިޝަނަށް އަދި މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ.

އެ ގާނޫނުގެ 14 ވަނަ މާއްދާ ބުނާގޮތުން އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކުންފުންޏެއް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައިފިނަމަ އެ ޕްރޮޑަކްޓެއް ވިއްކައިގެން ލިބިފައިވާ ފައިދާގެ ފަސް ޕަސެންޓް ސަރުކާރުގެ ވެލްފެއާ ފަންޑަކަށް ދައްކަންޖެހެ އެވެ. މި ފަންޑަކީ އިންޑިއާގެ ރައްޔިތުންނަށް ދިމާވާ ކަންކަމުގައްޔާއި ރައްޔިތުންނަށް މަންފާ ކުރާނެ ކަންކަމަށް ހަރަދުކުރާ ފަންޑެކެވެ.

މެގީގެ މައްސަލަ ފެންމަތިވެފައިވާއިރު އިންޑިއާގެ ކާބޯތަކެއްޗާބެހޭ މައި އިދާރާ، ފުޑް ސްޓޭންޑާޑްސް އެންޑް ސޭފްޓީ އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި)ގެ ސީއީއޯ ވިދާޅުވީ އެ އޮތޯރިޓީގެ ގަވާއިދަށް އިސްލާހެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އިސްލާހު ގެނެވިއްޖެ ނަމަ ކުންފުނިތަކުން އުފައްދާ މާކެޓްކުރާ ބަންދުކުރި ބާވަތްތައް ކޮންމެ ހަމަހަކުން ޓެސްޓްތައް ހެދުމަށްފަހު އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހެ އެވެ.

މެގީ ނޫޑްލްސް ވިއްކުން އިންޑިއާގައި މަނާކޮށްފައިވާއިރު ރާއްޖޭގައިވެސް މެގީ އުފެއްދުންތައް ތަހުލީލު ކުރަމުން އަންނާތީ މެގީ އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް