މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެން ގާތްވާއިރު ދެ މޫސުން ބެދޭ ހިސާބު ވިއްސާރަ ކަމުގައި މެޓުން ބުނެފިއެވެ.
މިއަދު ދުވަހަށް މަޢުލޫމާތުދެއްވަމުން މެޓް އޮފީހުގެ ފޯކާސްޓަރ ވިދާޅުވީ އާންމުގޮތެއްގައި މި ދުވަސްވަރު މިގޮތަށް ރާއްޖެއަށް ވިއްސާރަ ކުރާ ކަމަށާއި މި ފެންނަނީ ހުޅަނގު މޫސުން ފެށެން އުޅޭ ކަންކަމުގެ ނިޝާންތައް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ މިއަދު ކުރަމުން އަންނައިރު އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހެމުން އަންނައިރު މެޓުން ލަފާކުރަނީ އަންނަ ހުކުރު ހާ ތާނގައި ވިއްސާރަ އަލިވާނެ ކަމަށެވެ.
މިއަދުގެ މޫސުން ލަފާކޮށް ހެނދުނު، މެޓުން ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވެއެވެ.
"ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް