ދިޔަވަރު ކިޔާ ވެބްސައިޓަކުން ވެމްކޯއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ލިޔެފައިވާ އާޓިކަލްގައި އެވަނީ ހުސް ދޮގުކަމަށް ވެމްކޯއިން ބުނެފިއެވެ. އެ ވެބްސައިޓުގައި ވެމްކޯއަށް ކުރާ ތުހުމަތަކީ ކޮރަޕްޝަންގެ ތުހުމަތެވެ.
އެގޮތުން އެ ވެބްސައިޓުގައި ލިޔެފައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ، 54 ގާބެޖް ޓްރަކް ގަތުމަށް 50 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންއެއް ވެމްކޯއިން ހިންގާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ވެމްކޯއިން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ އާޓިކަލްގައި އެވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ އާޓިކަލްއަށް މައުލޫމާތު ހޯދުމުގެ ގޮތުން ދިޔަވަރުން ވެމްކޯގެ އެއްވެސް މުވައްޒަފަކާއި މުއާމަލާތެއް ހިނގާފައި ނުވާ ކަމަށް ވެމްކޯއިންވަނީ ބުނެފައެވެ.
ވެމްކޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ވެމްކޯއިން ނިންމަވާ ނިންމެވުން ތަކަކީ ދެފުއް ފެންނަ ގޮތަށް ނިންމަވާ ނިންމެވުން ތަކެއް ކަމަށެވެ. އެގޮތުން އެ ކުންފުނިން ނިންމަވާ މާލީ ނިންމެވުންތައް ނިންމަވާނީ އެ ކުންފުނީގެ ބޯޑާއި، ބިޑް ކޮމިޓީގެ ނިންމެވުންތަކަށް ބިނާކޮށް އެ ފަރާތުން ކަމަށެވެ.
ދިޔަވަރުން މި އާޓިކަލް ލިޔެފައިވާ މަގްސަދަކީ ވެމްކޯގެ މެނޭޖްމަންޓުގެ ބޭފުޅުންގެ އަނބުރާ އިއްޒަތް ނަގާލުމަށްށާއި، ކުންފުނީގެ މާލީ އަމާނާތްތެރިކަމާއި، ނަޒާހާތްތެރިކަމާއި ބެހޭގޮތުން އާއްމުންގެ ހިތްތަކުގައި ސުވާލު އުފައްދާ، ނުރަގަނޅު ތަސައްވަރެއް އުފެއްދުމަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ ، އެ ކުންފުނިން ޒިންމާދާރު ނޫސްވެރިކަމަށް އަބަދުވެސް ހިތްވަރު ދޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް