ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް، މަރާމާތު ކުރުމަށް ނުވަތަ ވަކި ވަރަކަށް ހަދާފައި ހުރި ތަނެއް ނިންމުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށް ދިނުމަށް ބީއެމްއެލް އިން އިއްޔެ ތައާރަފްކޮށްފައި މިވަނީ ހޯމް ބިލްޑް ލޯނާއި ހޯން ބިލްޑް ފައިނޭންސް އެވެ.
މި ފައިނޭންސް ނަގާ ފަރާތަށް %9 ރޭޓުގައި 1 މިލިއަން ރުފިޔާ ހަމައަށް ފައިނޭންސްކޮށްދޭނެއެވެ. އަދި އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ދެވޭނެއެވެ. ފައިނޭންސަށް އެދޭ ފަރާތުން އަމިއްލައަށް ހަރަދު ކުރަންޖެހެނީ ޕްރޮޖެކްޓްގެ އަގުގެ %25 އެވެ.
ބޭންކުގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީޑު ވިދާޅުވީ " މީގެ ކުރިން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އެބަ ޖެހޭ އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނު ބަހައްޓަން. އަޅުގަނޑުމެން އިއްޔެ ތައާރަފްކުރި ހޯމް ބިލްޑް ފްރޮޑަކްޓްތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ. މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް."
ހޯމް ބިލްޑް އަށް އެދި ހުށަހަޅާއިރު ގެރެންޓާރ އެއް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ބޭފުޅަކާއެކު މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ.
ބޭންކުން ލޯނު ދިނުމަށްޓަކައި ބަލާ މައިގަނޑު ކަންތައްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ " ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ ވަރަށް މުހިންމު ބައެއް. މީގެ އިތުރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރި ނެތް މިންވަރަށްވެސް ބޭންކުން ބަލާނެ. އަދި ހަމައެހެންމެ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައިވާންވާނެ."
ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަންޖެހޭ އަދަދު ހުންނަން ޖެހޭނީ ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވަތަ އިމާރާތަށް ހަރަދު ކޮށްފައެވެ. މިގޮތަށް އިމާރާތަށް ހަރަދު ކޮށްފައިވާނަމަ، އެކަމުގެ ލިޔުން ބޭންކަށް ހުށަހަޅަންވާނެއެވެ.
އަމިއްލައަށް ކުރަންޖެހޭ ހަރަދު ކޮށްފައި ނުވާނަމަ އެ ހަރަދު ކުރާނެގޮތް ބޭންކަށް ހުށަހަޅަންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް