ޑެންގީހުން އެންމެ ގިނައީ ހުޅުމާލޭގައި

ރާއްޖޭގައި ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެންމެ ގިނައިން ޑެންގީހުން ރިޕޯޓު ކުރެވެމުން އަންނަނީ ހުޅުމާލެއިން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެގޮތުން ފާ...

07 May 2024 | 07:00

ރާއްޖޭގައި ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެންމެ ގިނައިން ޑެންގީހުން ރިޕޯޓު ކުރެވެމުން އަންނަނީ ހުޅުމާލެއިން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެގޮތުން ފާއިތުވި 18 ހަފްތާގެ ޑެންގީހުމާއިގުޅޭ ތަފާސްހިސާބު އެޗްޕީއޭއިން އިއްޔެ ހާމަކޮށްފައިވާއިރު ފާއިތުވި 18 ހަފްތާގެ ތެރޭގައި ޑެންގީހުމުގެ 660 ކޭސް ރެކޯޑު ކުރެވިފައިވެއެވެ.

މި 660 ކޭހުގެ ތެރެއިން 142 ކޭސް ހުޅުމާލެއިން ރެކޯޑު ކުރެވިފައިވާއިރު މާލެއިން 47 ކޭސް އަދި މާލެ އަތޮޅުން 32 ކޭސް ރެކޯޑު ކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަތޮޅު ތެރޭގެ ނަންބަރުތަކަށް ބަލައިލާއިރު ނޫނު އަތޮޅުން 10 ކޭސް، ހާ ދާލު އަތޮޅުން 13 ކޭސް، ރާ އަތޮޅުން އަށް ކޭސް ގާފު ދާލު އަތޮޅުން ހަތް ކޭސް އަދި ސީނު އަތޮޅުން 11 ކޭސް ރެކޯޑު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާގޮތުގައި ރިޕޯޓުކުރެވޭ ކޭސްތަކުގެ އަދަދު ބޮޑަށް އިތުރުވާން ފަށާފައިވަނީ މިދިޔަ މާރިޗް މަހުގެ 21 އިން ފެށިގެންނެވެ. އެގޮތުން އެ ތާރީހުގެ ކުރީ ތާރީހާ ގުޅޭ ހަފްތާ 13 ގައި 18 ކޭސް ރިޕޯޓް ކުރެވިފައިވާއިރު ޖެހިގެން އައި ހަފްތާ 14އިގާ 39 ކޭސް އަދި އެއަށްފަހު ކޮންމެ ހަފްތާއަކުން އަދަދު އިތުރުވަމުންގޮސް 17 ވަނަ ހަފްތާގައި އެކަނި 83 ކޭސް ރިޕޯޓް ކުރެވިފައިވާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ތަފާސް ހިސާބުގައިވާ އެންމެ ފަހު ހަފްތާކަމުގައިވާ 28 އޭޕްރީލް އިން މި މަހުގެ ހަތަރަކާއި ހަމައަށް 40 ކޭސް ރެކޯޑު ކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭގެ މި ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން ކޭސް ރެކޯޑުކުރެވިފައިވަނި ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ ޖުމްލަ 239 ކޭހެވެ. އެހެންނަމަވެސް މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި 40 ކޭސް ރެކޯޑު ކުރެވިފައިވާއިރު އަދަދު ދަށް ނުވާނަމަ އެ ނިސްބަތުން ބަލާނަމަ މި މަހު ކޭސް ރެކޯޑު 300 އިން މައްޗަށް ދާނެކަމަށް އަންދާޒާ ކުރެވެއެވެ.

ޑެންގީ ހުން (އިނގިރޭސި ބަހުން: Dengue Fever) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ. މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް