ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެސިޑެންސްގެ ލޯކަލް އެޖެންޓު، ހަންބޯ ކޮމްޕެނީން އޮޅުވާލައިގެން ފްލެޓު ވިއްކި މައްސަލައިގަ ގެއްލުންވި މީހުން ފުލުހުންނަށް މައްސަލަ ހުށަހަޅަން އެދިއްޖެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޭ-ޕާކްގެ އެޕާޓްމަންޓުތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ޝަކުވާއެއް އޮތް ނަމަ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެންގުމަށް އެދޭ ކަމަށެވެ.
ކޭ-ޕާކު ފްލެޓުތަކަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާއި ހަވާލުކޮށްގެން އާބަންކޯއިން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ2016 ވަނަ އަހަރު އެވެ.
އެކަމަކު ހަންބޯ ޓެކްގެ ލޯކަލް އެޖެންޓު ހަންބޯ ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ވަނީ މައި ހިއްސާދާރު، ޖިންއަށް ނޭނގި އެޕާޓްމެންޓުތަކެއް ވިއްކައި އެ ފައިސާ އަމިއްލައަށް ބޭނުންކޮށްފައި އެވެ. ޖިން ތުހުމަތުކޮށްފައިވާ ގޮތުގައި މި މުއާމަލާތްތައް ހިންގުމަށް މަންޑޭ ބޭނުންކޮށްފައިވަނީ އޭނާގެ ފޯޖު ކޮށްފައިވާ ސޮއި އެކެވެ.
ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށާއި އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށްވެސް ތުހުމަތު ކުރެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މަންޑޭގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް