ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އާއި އެވެ.
އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މިހާރު ކުރިއަށްދަނީ އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ.
މީގެ އިތުރުން 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. މަޝްރޫއު ނިމޭއިރު 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން ނަރުދޫ ބަނދަރުގައި ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.
މި މަޝްރޫޢަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް