މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ހިންދީ ފިލްމު "ދި ކެރެލާ ސްޓޯރީ" އާއި އެކު އިންޑިއާ އުތުރި އަރައި، އިތުރު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ ހިންދޫ އަންހެނުން އިސްލާމް ދީނަށް ވައްދައި ހަރުކަށި އައިއެސް ޖަމާއަތާއި ހަވާލު ކުރުމާއި ޖިންސީ ގޯނާކޮށް އަނިޔާ ދިނުމުގެ މައްސަލަތައް ފެނިގެންދާ މި ފިލްމަކީ ހަގީގާ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ބުނެފައިވެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ސުދިޕްޓޯ ސެން އެވެ.
ފިލްމު ރިލީޒް ކުރުމުގެ ކުރިންނާއި ފަހުންވެސް ފިލްމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު ފިލްމު ދެއްކުން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް އިންޑިއާ ހައި ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުން ވަނީ ފިލްމު ދެއްކުން މަނާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައި އެވެ.
މި ފިލްމަށް ފާޑުކިޔާ މީހުން ބުނެފައިވަނީ ފިލްމުން ވަކި ދީނެއްގެ ބަޔަކާއި ދެކޮޅަށް ނަފުރަތު އުފެއްދުމަށް މަގުފަހިވެ، ދެކޮޅުވެރިކަން އުފެދޭ ކަމަށެވެ. އަދި މިއީ އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް ކަޝްމީރުގެ މުސްލިމުންނާއި ދެކޮޅަށް މިދިޔަ އަހަރު އުފެއްދި ފިލްމު "ދި ކަޝްމީރް ފައިލްސް" ފަދަ ނަފުރަތު އުފެއްދުމުގެ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
މި ފިލްމާއި ގުޅޭގޮތުން ވާހަކަ ދެއްކި ބޮލީވުޑް ތަރިންގެ ތެރެއިން ކަންގަނާ ރަނާވަތު ވަނީ އެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކާފައި އެވެ. އޭނާ ބުނީ ފިލްމުގައި އިންޑިއާގެ ރައްޔިތުން ގޯސްކޮށްފައި ނުވާ ކަމަށާއި ގޯސްކޮށްފައިވަނީ ހަރުކަށި އައިއެސް ޖަމާއަތް ކަމަށެވެ.
ފިލްމު ކަމު ނުދާ މީހުންނަކީ އެ ޖަމާއަތަށް ތާއީދު ކުރާ މީހުންގެ ގޮތުގައި ބެލޭނެ ކަމަށާއި އަމިއްލައަށް އެ ބުނެނެވެނީ އެއީ ޓެރަރިސްޓުން ކަމަށެވެ. އަދި އެ ޖަމާއަތަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލު ކުރާ ޖަމާއަތަކަށް ނުވާއިރު އެމީހުންނާއި ދެކޮޅަށް ހަދާ ފިލްމެއް ދެއްކުން މަނާ ކުރަން ގޮވާލުން ތާކުންތާކުން ނުޖެހޭ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.
އެ ފިލްމުގައި ބުނާ ގޮތުން މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ކެރެލާގެ އެކި ސަރަހައްދުތަކުން 32،000 އަށްވުރެ ގިނަ ހިންދޫ އަންހެނުން އިސްލާމް ދީނަށް ބަދަލުކޮށް އައިއެސްއާއި ގުޅުވާފައިވެ އެވެ. އޭގެ ތެރެއިން ފިލްމުގައި ގެނެސްދީފައިވަނީ ލީޑް އެކްޓްރެސް ހިމެނޭހެން ތިން އަންހެނެއްގެ ވާހަކަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު އުފެއްދި އިރު 32،000 މީހުންގެ މައުލޫމާތާއި ގުޅޭގޮތުން ނޫސްވެރިން، ޑައިރެކްޓަރާއި ސުވާލު ކުރުމުން އޭނާ ވަނީ ސީދާ އަދަދެއް ބުނެދޭންށާއި އެ މައުލޫމާތު ހޯދިގޮތް ބުނެދޭން ދެކޮޅު ހަދާފައި އެވެ. އަދި ފިލްމެއް އުފެއްދޭނީ އެންމެ މީހެއްގެ ދިރިއުޅުމުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނި ކަމަށެވެ.
އެކަމަކު ފިލްމުގެ މަސައްކަތް ނިންމުމަށް ފަހު ޑައިރެކްޓަރު ބުނެފައިވަނީ ތިން އަންހެނެއްގެ ވާހަކަ ފިލްމުގައި ގެނެސްފައިވާނެ ކަމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ފިލްމުގައި ފެނިގެންދާ ކޮންމެ މަންޒަރަކީ ހަގީގީގަތާއި އެއްގޮތަށް ކަން ހިނގާދިޔަ ގޮތަށް ކުޅެފައިވާ މަންޒަރުތަކެއް ކަމަށް ޑައިރެކްޓަރު ބުންޏެވެ.
މި ފިލްމަށް ފާޑުކިޔާ މީހުން ދަނީ މިފަދަ ގިނަ ޕޮއިންޓުތައް ފާހަގަކޮށް އެއީ ހަގީގަތެއް ނެތް ހިޔާލީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް