އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް މިވަގުތު ފައިސާ ދެވޭނެ ހަމަ އެއްގޮތެއްވެސް ނެތްކަމުގައި އަލްހާން ފަހުމީގެ ކިންސް ފޮރެކްސް ކުންފުނިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކިންގްސްއިން ދެންމެ ޕޯސްޓްކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ ކުރިން ދެންނެވިހެން ބަންދު ނޫން 20 ދުވަހުގެނތެރޭގައި ފައިސާ އަނބުރާ ނުދެވި އޮތީ މިވަގުތު މިކުންފުނީގެ ވިޔަފާރި އެކީ ހުއްޓިފައިވާތީ، ފައިސާ ދެވެން ނެތިގެންކަމަށެވެ.
"އެހެންކަމުން އަދި އިތުރު ވަގުތު ބޭނުންވާ ވާހަކަ އާއި ޖުލައި މަހުގެ ކުރިން ފައިސާ ދިނުނުގެ އިންތިޒާމް ރަނގަޅަށް ހަމަޖެއްސޭނެކަމަށް ފެންނަ ވަހަކަވެސް ދެންނެވީމެވެ." ކިންގްސް އިން ބުނެފައިވެއެވެ.
ކިންގްސްއިން ބުނެފައިވަނީ ކިންގްސްގެ އޮންލައިން ޓްރޭޑިން އެކައުންޓްތައް ޝަކުވާތަކާ ގުޅިގެން އޮޑިޓްކުރަމުންދާތީއާއި މިވަގުތު ކުރީގެ އެއްވެސް އެކައުންޓަކަށް ފައިސާ ޑިޕޮޒިޓް ކުރެވޭނެ މަގެއް ނެތުމާއެކީ، ކިންގްސުން މިދަނީ މިމައްސަލަ ހައްލުކޮށްގެން، އެހެން ޤައުމެއްގައި ރަޖިސްޓަރީވެގެން އައު އެކައުންޓާއެކީ ޓްރޭޑް ކުރުން ކުރިއަށް ގެންދިމުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަން މިމަސް ނިމުމުގެ ކުރިން ހަމަޖެހޭނެކަމުގެ ވަރަށް ބޮޑު އުންމީދު އޮތްވާހަކަވެސް ދަންނަވާކަމަށެވެ.
"އެކިއެކި ދަތިތަކާ ސަބަބުތައް މެދުވެރިވެގެން ފައިސާ ބޭނުންޖެހިގެން އަނބުރާ ހޯދަން އެދުނު ފަރާތްތަކަށް އެކަން ކޮށް ނުދެވި އޮތީ މިވަގުތު ކުންފުންޏަށް ފައިސާ ދެވޭނެ އެއްވެސް ގޮތެއް ނެތީތީ ކަމުގައިވެސް ދަންނަވަނެވެ. " ކިންގްސް އިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދެމުން، މި ވިޔަފާރިއާ ގުޅިގެން އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްބާރުލުން ދެއްވާ، އެހެނިހެން ޕްލެޓްފޯމުތަކުގައި ޒާތީގޮތުން ދިމާނުކުރެއްވުމަކީ ކިންގްސް އިން އެދޭ އެދުމެއް ކަމަށެވެ. އެކަމުން ލިބޭ ގެއްލުންވެސް ބޮޑުވަމުން ދިއުމަކީ ކަންކަން ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމުގައިވެސް ކިންގްސް އިން ބުނެފައިވެއެވެ.
ކިންގްސް ފޮރެކްސް އަކީ އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ މެންބަރުން ހިމެނޭހެން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އަނބުރާ ބޮޑު ފައިދާއެއް ހޯދައިދޭނެކަމަށްބުނެ ހިންގި ފައިނޭންޝަލް ސްކީމެކެެވެ. މި ސްކީމަކީ ނުރައްކާތެރި ސްކީމެއްގެ ގޮތުގައި ސިފަކޮށް ކިންގްސްގެ ބޭންކް އެކައުންޓް ހޯލްޑްކުރުމަށްފަހު އެ ފައިސާ އަނބުރާ ކިންގްސް އަށް ވަނީ ދީފައެވެ. ނަމަވެސް ފަހުން މި ސްކީމް ހުއްޓުމަކަށް އައިސް އިންވެސްޓަރުން އިންވެސްޓް ކުރި އެތައް މިލިޔަން ރުފިޔާއެއްވެސް ވަނީ ނުލިބިއެވެ.
އަލްހާން އަންނަނީ އިންވެސްޓަރުންނަށް އެކި މުއްދަތުތައް ދެމުންނެވެ. ނަމަވެސް އެއްވެސް މުއްދަތެއްގައި އެއްވެސް ވަރަަކސް ފައިސާ ދެމުންނެއް ނުދެއެވެ. އެހެންކަމުން އިންވެސްޓަރުން މިހާރު އަންނަނީ ފުލުހުންނާއި ސީއެމްޑީއޭއަށް މައްސަލަ ހުށަހަޅަމުންނެވެ. މި ސްކީމަށް އިންވެސްޓްކުރި ޖުމުލަ އަދަދު 60 މިލިޔަނަށްވުރެ މަތިވާނެކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް