ނޭޝަނަލް ހެލްތު ލެބޯޓްރީއާއި، ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އަލަށް ގާއިމު ކުރާ ގައުމީ ލެބޯޓްރީއެއް ހުޅުވަން ނިންމުމާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ނެޝަނަލް ހެލްތު ލެބޯޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާއާއި ބިންވެސް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ކުރެއްވި މަސައްކަތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި 18.5 މިލިއަން ޔޫރޯގެ އެހީ ދިވެހި ސަރުކާރަށް މިހާރު ލިބިފައިވާކަމަށާއި، އެ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އާދިލް ވިދާޅުވިއެވެ. އަދި އެ ލެބޯޓްރީއާއެކު ތަހުލީލްތައް ފުޅާވެ އިތުރު ދާއިރާތަކުން ޚިދުމަތް ލިބިގެންދާނެކަން އާދިލް ފާހަގަކުރެއްވިއެވެ. މިހާރުކުރިއަށްދަނީ ލެބޯޓްރީގެ ޑިޒައިންގެ މަސައްކަތްކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ނޭޝަނަލް ހެލްތު ލެބޯޓަރީއަކީ އެކި ކަހަލަ ކާބޯތަކެއްޗާއި ކެމިކަލް ތަޙުލީލުކުރުމަށް ހަދާފައިވާ ލެބޯޓަރީއެކެވެ. މިލެބޯޓަރީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހެލްތު މިނިސްޓްރީ ހިންގަވަމުން ގެންދަވާ ރޯޝަނީ ބިލްޑިންގައެވެ. އެ ލެބޯޓަރީން މިހާރުވެސް ކާބޯތަކެއްޗާއި، ފެނާއި ކެމިކަލް އަދި މަހުގެ ބާވަތްތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި ލެބޯޓަރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓެސްޓް ނުކުރެވޭ ސާމްޕަލްތަކުގެ ނަތީޖާތައް ހޯއްދަވަމުން ގެންދަވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންކަމަށެވެ. ނަމަވެސް އައު ލެބޯޓްރީއާއެކު އެ މައްސަލަތަކަށް ހައްލު ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
އަދީލް ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ވެކްސިނަކާއި، ސިއްޙީ ކޮންޒިއުމަބަލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީވެސް ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން އެ ފެސިލިޓީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖެހި ފައިސާވެސް ހަމަޖެހިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. އޭޑީބީގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަށް 4.9 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މިހާރުވަނީ ލޯކަލް ކޮންސަލްޓެންޓެއް އައްޔަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް