ސަރުކާރުގެ ސަބްމެރިން ކޭބަލާއެކު އިންޓަނެޓްގެ އަގު ބޮޑުތަނުން ހެޔޮވާނެ: މިނިސްޓަރ ފައްޔާޒް

ސަރުކާރުން ޤާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް ކެޕޭސިޓީ އިތުރުވެ، މިހާރަށްވުރެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސް...

07 May 2022 | 11:10

ސަރުކާރުން ޤާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް ކެޕޭސިޓީ އިތުރުވެ، މިހާރަށްވުރެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ ދުރު ރާސްތާގައި އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

އަދި މި މަސައްކަތުގެ ދަށުން ސަރުކާރުގެ ފަރާތުން މިހާރު ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޑިޖިޓަލައިޒް ދުނިޔެއަކަށް މިސްރާބުޖަހާފައިވާއިރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންޓަރނެޓްގެ އަގާއި ކޮލިޓީ ރަނގަޅުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އިންޓަނެޓަށް މުޅި ދިރިއުޅުުމާއި ދުނިޔޭގެ ހުރިހާ ކަމެއް ބަރޯސާވެގެންދާއިރު އިންޓަނެޓްގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ ހުރިހާ ހިދުމަތެއް އޮންލައިންވެގެންދާއިރު ހުރިހާ ރައްޔިތުންނަށް އިންޓަނެޓް ބޭނުންކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަނެއްކާވެސް ކެޕޭސިޓީގެ މައްސަލަތަކެއް އަންނާނެ ކަމަށާއި ސަރުކާރުން އަޅާ ކޭބަލްގެ ސަބަބުން ވަރަށް ބޮޑު އިތުރު ކެޕޭސިޓީއެއް ލިބިގެންދާނެ ކަމަށް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ސީދާ އިންޓަރނޭޝަލް ކޭބަލްއަކާއި އަލަށް ގުޅާލާކަމަށެވެ.

މިއޮތްހާ ދުވަހު އޮތީ ރާއްޖެއިން ސިލޯނަށް އަޅާފައި އޮންނަ ކޭބަލަކުން، ސިލޯނަކުން ލިބޭ އެއްޗަކުން ވިއްކާ އެއްްޗެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިހާރު އަމިއްލަ ކޭބަލް އެޅުމުން ބޮޑުތަނުން އިންޓަނެޓްގެ އަގު ކުޑަ ވާނެ ކަމަަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ފައްޔާޒް އިތުރަށް  ވިދާޅުވީ ސަރުކާރުން މިހާރު ޤާއިމްކުރަމުންދާ ސަބްމެރިން ކޭބަލް ރާއްޖެ ގެނެސް، 2023 ވަނަ އަހަރުގެ ފަހުކޮށް އެ ކޭބަލުން ހިދުމަތް ދެެވެން ފެށޭވަރުވާނޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް