ލޯބިވެރިޔާއާ އެކު ދިރިއުޅެން އެޕާޓްމެންޓެއް ހަދާ ވާހަކަ އެހުމުން އަތިޔާ ވަރަށް ހިނިއައިސްފި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ ކައިވެނި ކުރާ ވާހަކަ އަކީ މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. އަތިޔާގެ ލޯބިވެރިޔަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ވައި...

07 May 2022 | 08:25

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ ކައިވެނި ކުރާ ވާހަކަ އަކީ މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ.

އަތިޔާގެ ލޯބިވެރިޔަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން ކޭއެލް ރާހުލް އެވެ. ދެމީހުންގެ ގުޅުމަށް ދެތިން އަހަރުވެފައިވާއިރު ގާތް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިއަހަރުގެ ޑިސެމްބަރުގައި ދެމީހުން ކައިވެނި ކުރާނެ އެވެ.

އަދި ދެމީހުން އެއްތަނެއްގައި ދިރިއުޅެން ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް ބުނެފައިވެ އެވެ. އެ ދެމީހުން ދިރިއުޅެން ހަދަމުން ދަނީ މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ބަންދްރާގައި ހުންނަ އިމާރާތެއްގެ އެއް ފަންގިފިލާ އެއްކޮށްލައިގެން ހަދާ އެޕާޓްމެންޓެއް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން އަތިޔާ އާއި ސުވާލު ކުރުމުން އޭނާ ވަނީ ވަރަށް ހިނިއައިސް މަޖާ ޖަވާބުތަކެއް ދީފަ އެވެ. އަތިޔާ ބުނީ ބަންދްރާގައި ހަދަމުންދާ އެޕާޓްމަންޓަށް ދިރިއުޅުން ބަދަލު ކުރަނީ ލޯބިވެރިޔާ އާއި އެކު ނޫން ކަމަށެވެ.

އޭނާ ބުނީ އެއީ ސުނިލް ޝެޓީގެ އާއިލާ ދިރިއުޅެން ހަދާ ތަނެއް ކަމަށާއި އެގެއަށް އޭނާ ބަދަލުވަނީ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާއި އެކު ކަމަށެވެ.

ކައިވެނި ޑިސެމްބަރުގައި އޮތްތޯ އެހުމުން އަތިޔާ ވަނީ ޖަވާބު ދޭން ދެކޮޅު ހަދައި ބަހަނާ ދައްކާފަ އެވެ. އަތިޔާ ބުނީ ހަގީގަތް ބެލުމެއް ނެތި އޭނާގެ ކައިވެނީގެ ވާހަކަ މިހާރު އެކި ގޮތްގޮތަށް ދައްކަމުންދާތީ ކައިވެންޏާއި ގުޅޭ އެއްވެސް ސުވާލަކަށް ޖަވާބު ނެދޭނެ ކަމަށެވެ.

އަތިޔާ ވަނީ ބޮލީވުޑްގެ ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މޮޓިޗޫރް ޗަކްނަޗޫރު" ންނެވެ.

އަތިޔާ ވަރަށް ފަހުން ބުނީ މިހާރު ދެ ޕްރޮޖެކްޓެއްގެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޕްރޮޖެކްޓުތައް އިއުލާނު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް