ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭހެން 130 ފަސިންޖަރުންނާއެކު ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ "ފުރާގު 2" ބޯޓު ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅަށް އުރުނީ ރޭ 08:30 ހާއިރުގައެވެ.
އެ ހިނދުން ފެށިގެން ސަލާމަތީ ހިދުމަތްތަކުން އެ ބޯޓުގައި ތިބި ފަސިންޖަރުން ސަލާމަތް ކުރުމަށާއި ބޯޓު ފުންކުރުމުގެ މަސައްކަތް ފެށިއެވެ. އަޕްޑޭޓްތައް މީޑިއާތަކާއި ހިއްސާކުރަމުންދިޔައެވެ. އެގޮތުން ބޯޓުގައި ތިބި ހުރިހާ ޕަސިންޖަރުން ސަލާމަތުން ނައިފަރަށް ގެންދެވުނުކަން ރޭ 11:30 ހާއިރު ފުލުހުން ހާމަކުރިއެވެ.
ފަސިންޖަރުން ނައިފަރަށް ގެންދިޔަ ދިއުމާއި، ނައިފަރު ރައްޔިތުން އެ ފަސިންޖަރުންނަށް ދިން ހެޔޮ މެހެމާންދާރީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔައެވެ. ފޮޓޯތަކުން ފެނުނީ ނައިފަރުގެ ރައްޔިތުން ބަނދަރުދޮށަށް އެއްވެ، "ފުރާގު 2" ގެ ފަސިންޖަރުންނަށް ރަށުން ހޫނު މަރުހަބާއެއް ދަންނަވައި ވަރަށް ހެޔޮކޮށް ކަންކަން ކުރަމުންދިޔަ މަންޒަރެވެ. ބަނދަރުމަތީގައި ގޮނޑި އަތުރައި ކެއުން ބުއިމުގެ ސުފުރާ ބަނދަރުމަތީގައި އަތުރާލި ތަނެވެ.
މެހެމާންދާރީ އަދާކުރުމުގެ މި ނަމޫނާ ހަރަކާތާއި ގުޅޭގޮތުން ދުވަަހަށް މައުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ބޯޓު ފަރަށްއެރި ހަބަރު ފުރަތަމަ ލިބުނީ ފުލުހުންގެ ފަރާތުން ކަމަށާއި ފަސިންޖަރުން ނައިފަރު އަދި ހިންނަވަރަށް ގެންދާނެކަމާއި އެހީތެރިކަން ބޭނުންވާކަން ފުލުހުން އެންގިި ކަމަށެވެ.
"ހުރިހާ ފަސިންޖަރުން އަންނަން ބޭނުންވީ ނައިފަރަށް، އެހިސާބުން ފެށިގެން އިންތިޒާމުތައް ހަމަޖައްސަން ފެށުނު، ރައްޔިތުންގެ ރައްޔިތުންނަށް އެކަން އަންގައި ރައްޔިތުންގެ އެހީތެރިކަމަށް އެދެވުނު" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލުންވެސް އެ ފަސިންޖަރުންނަށް އެކޮމޮޑޭޝަން ހަމަޖެއްސި ކަމަށާއި ނަަމަވެސް އެ އެކަމަޑޭޝަން ބޭނުންކުރަން ނުޖެހި، އެފަދަ ހުރިހާ އެހީތެރިކަމެއް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ކަމަށެވެ.
"ރަށުގެ ވިޔަފާރިވެރިންނާއި ރަށުގެ ރައްޔިތުންގެ އެހީގައި ބަނދަރުމަތިން އެ ފަރާތްތަކަށް ކެއުންބުއިމުގެ އިންތިޒާމާ އެހެނިހެން އިންތިޒާމު ރަށުގެ ރައްޔިތުން ހަަމަޖެއްސި، ޒަރޫރީ ބޭނުންތަކަށް ދާން ބޭނުންވި އެންމެހާ ފަރާތްތަަކަށް އެ އިންތިޒާމުވެސް ހަަމަޖެހިގެންދިޔަ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ އެ އިންތިޒާމުތައް ހަަމަޖައްސައި އެ ކަންކަން ކުރިއަށްގެންދިއުމުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށާއި ނައިފަރު ކައުންސިލާއެކު ރަށުގެ މުއައްސަސާތަކުންވެސް ބައިވެރިވި ކަމަށެވެ. އަދި އެ ހިތްދަތި ހާދިސާއާއި ގުޅިގެން ނައިފަރު ކައުންސިލުން އެއްބާރުލުމަށް އެދުނު ދަނޑިވަޅުގައި ނައިފަރުގ އޮޑިވެރިންނާއި މަސްވެރިންނާއި ކައުންސލްގެ މުވައްޒަފުންނާއި ޖުމުލަކޮށް ރަށުގެ ރައްޔިތުން ނިކުމެ ދެއްކި ސާބިތުކަމާއި މެހެމާންދާރީގެ ރިވެތި ނަމޫނާއަށް އެންމެހާ ފަރާތްތަކަށް ކައުންސިލުން ޝުކުރު ދަންނަވާކަމަށެވެ.
"ފޯކައިދޫ ކައުންސިލުން ބޯޓު ފަރަށް އެރި ހިސާބުންފެށިގެނ އެ ފަރާތްތަކުގެ ހާލު ބަލައި، ކަންކަން ވަރަށް ކައިރިން ބަލަމުންދިޔަކަންވެސް ފާހަގަކޮށްލަން" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެ ބޯޓު ފުންކުރެވި ރޭ 03:00 ހާއިރު ފަސިންޖަރުންނާއެކު މާލެއަށް ދަތުރު ފަށާފައިވާއިރު ފޯކައިދޫ ކައުންސިލުންވެސް ވަނީ ނައިފަރުން ލިބިގެންދިޔަ މެހެމާންދާރީއަަށް ޝުކުރު އަދާކޮށްފައެވެ.
ދިވެހިންނަކީ މިފަދަ ހާލަތްތަކުގައި އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވެ، އެހީތެރިކން ފޯރުކޮށްދެމުން އަންނަ ނަމޫނާ ބައެކެވެ. މި ނަމޫނާ އޭގެ އެންމެ ފުރިހަަމައަށް ނައިފަރު ރައްޔިތުން ރޭގައި ދައްކުވައިދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް