ފ.ނިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިޔަ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މަޤާމު ފ.ނިލަންދޫ / ހުސްނުހީނާގެ، ޒަހާ އިސްމާޢީލް ނަޞީރު ހޯދައިފިއެވެ.
މިމަޤާމު ޒަހާ ހޯދީ މުބާރާތުގެ ފައިނަލްގައި ފ.ނިލަންދޫ / ފިނިފެންމާގެ، ނައުހާ ނަސީމުއާއި ، ފ.ނިލަންދޫ / ފޮނިލުނބޯގެ ، މަމްދޫހާ ޢަބްދުލް ޢަޒީޒުއާއި ވާދަކޮށްގެންނެވެ.
ނިލަންދޫ ކުރީގެ ލާރނިންގ ސެންޓަރުގައި ހުކުރު ދުވަހުގެރޭ ކުރިއަށްގެންދިޔަ މި މުބާރާތުގެ ފައިނަލްބުރު ޝަރަފްވެރިކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެމްބަސެޑަރ ހިޒްއެކްސެލެންސީ އެޑްމިރަލް މުޚުތާރުއެވެ.
ފައިނަލް ރައުންޑް ފެށުމުގެ ގޮތުން ފުރަތަމަ އޮތީ މުބާރާތުގެ ގަދަ 5 ބައިވެރިންގެ ތެރެއިން 5 ވަނަ އަދި 4 ވަނައަށް ހޮވުނު ފަރާތްތަށް ކަނޑައެޅުމެވެ. އެގޮތުން މުބާރާތުގެ 5 ވަނަ މަޤާމު ޙާޞިލް ކުރީ ފ.ނިލަންދޫ / ހަވޭލި ، ރައްޔަ ޙާމިދުއެވެ.
ރައްޔާއަށް ނިލަންދޫ ކައުންސިލުންނާއި ހެޔޮއެދޭ އެހެނިހެން ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ޝީލްޑް ޙަވާލުކޮށްދެއްވީ ޑެޕިއުޓީ ހައިކޮމިޝަނަރގެ އަނބިކަނބަލުން މެޑަމް ނާއިލާ ޒުލްޤަރުނައިނިއެވެ.
މުބާރާތުގެ 4 ވަނަ މަޤާމު ޙާޞިލް ކުރި ފ.ނިލަންދޫ / ރިވެލި ޒުހާ ޢަބްދުލް މުއުމިންއަށް ޢިނާމު ހަވާލުކޮށްދެއްވީ ހައިކޮމިޝަނަރ މެޑަމް ފަރުޙަތެވެ.
އެހެން ރޭތަކާއި ޚިލާފަށް މުބާރާތުގެ ފައިނަލް ކުރިއަށް ގެންދިޔައީ ތިލާވާއާއި ޙިފުޒުގެ އިތުރުން ޢުލޫމުލް ޤުރުއާނާއި ޤުރުއާން ތަރުޖަމާ ހުށަހެޅުމުގެ ބައިވެސް ހިމަނައިގެންނެވެ.
ބައިވެރިންގެ ހުށަހެޅުންތައް ނިމުމުން އެންމެ ފުރަތަމަ އިޢުލާނުކުރެވިގެން ދިޔައީ މުބާރާތުގެ 3 ވަނަ މަޤާމު ޙާޞިލް ކުރި ފަރާތުގެ ނަމެވެ.
އެގޮތުން މުބާރާތުގެ 3 ވަނައަށް ހޮވުނީ ފ.ނިލަންދޫ / ފޮނިލުނބޯގެ، މަމްދޫޙާ ޢަބްދުލް ޢަޒީޒެވެ.
މަމްދޫހާއަށް ނިލަންދޫ ކައުންސިލްއިން ހުށަހަޅާފައިވާ ފަސްހާސް ރުފިޔާގެ ފައިސާގެ ޢިނާމާއި ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ޝީލްޑާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދުއެވެ.
އަދި މުބާރާތުގެ 2 ވަނަ ޙާޞިލް ކުރި ފ.ނިލަންދޫ / ފިނިފެންމާގެ ، ނައުހާ ނަސީމަށް ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ހަތްހާސް ރުފިޔާގެ ފައިސާގެ ޢިނާމާއި ހެޔޮއެދޭ އެކިފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި އެހެނިހެން ޢިނާމުތައް ޙަވާލުކޮށްދެއްވީ ޕާކިސްތާނު އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރ ޒުލްޤަރުނައިނިއެވެ.
މީގެ އިތުރުން މުބާރާތުގެ ފަޚުރުވެރި 1 ވަނައަށް ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމާއި ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއިއެހެނިހެން ޢިނާމުތައް ޙަވާލުކޮށްދެއްވީ އެމްބަސެޑަރ ހިޒްއެކްސެލެންސީ އެޑްމިރަލް މުޚުތާރުއެވެ. އެންމެ ޚާއްޞަ ޢިނާމެއްގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ މުބާރާތުގެ 1 ވަނައަށް އަލްބުރޫޖް ޙައްޖު އެންޑް ޢުމުރާ ގްރޫޕްގެ އެހީތެރިކަމާއެކު ޖަމިއްޔަތުއް ޝަބާބު ނިލަންދޫން ދީފައިވާ ޢުމުރާ ކުރުމުގެ ފުރުޞަތެވެ.
ނިލަންދޫ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ގިނަފަރާތްތަކުން ދެއްވި ދީލަތި އެހީތެރިކަމާއެކުއެވެ. އަދި އުއްމީދަކީ ކުރިޔަށް އޮތްތާވެސް މިމުބާރާތް މިއަށްވުރެވެސް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުން ކަމަށް ނިލަންދޫ ކައުންސިލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް