މާރާމާރީތަކާއި ގުޅުންހުރި ހަތަރު ޓީމެއް ޑިސްކޮލިފައިކޮށް ބައިބަލާ މުބާރާތް ކުރިއަށްގެންދަން ނިންމައިފި

ޢީދު ދުވަހުން ފެށިގެން މާލޭގައި ހިންގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން ފަސްކޮށްފައިވާ ބައިބަލާ މުބާރާތް ދެން އިތުރަށް ލަސްނުކޮށް ފަށަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ބައިބަލާ އެސޯސިއޭޝަނު...

06 May 2022 | 23:14

ޢީދު ދުވަހުން ފެށިގެން މާލޭގައި ހިންގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން ފަސްކޮށްފައިވާ ބައިބަލާ މުބާރާތް ދެން އިތުރަށް ލަސްނުކޮށް ފަށަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ބައިބަލާ އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

"މާރާމާރީތަކާއި ގުޅުން ހުރި ޓީމުތަކާއި، އެޓީމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭހެން އެފަރާތްތައް ވަނީ މުބާރާތުން ޑިސްކޮލިފައިކުރެވިފައެވެ. އެގޮތުން 4 ޓީމެއް ޑިސްކޮލިފައިކުރެވިފައިވާއިރު، މިހާރު މުބާރާތުގައި ބައިވެރިވާނީ 30 ޓީމެވެ." ބައިބަލާ އެސޯސިއޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބައިބަލާ އެސޯސިއޭޝަން އަކީ ރާއްޖޭގައި އޮތް ހަމަ އެކަނި ސަޤާފީ ކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝަންއަކަށްވާއިރު، މި ކުޅިވަރާއި މުޖުތަމައުގައި ހިނގާ ކުށްތަކާއި ގުޅުވާ ގުޅުވުން،އެ ޖަމިއްޔާއިން ހިތަމާއާއިއެކު ކުށްވެރިކުރާކަމަށެވެ.

ބައިބަލާ އަކީ ޒަމާނުއްސުރެ ޒުވާނުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރެެއްކަމާއި މިފަދަ ކުޅިވަރުތަކަކީ މީހުން ބިނާކުރުމާއި، މުޖުތަމައުއަށް ފައިދާހުރި ހަށިހެޔޮ ޒުވާނުން ނެރެދޭނެ ހަރަކާތެއްކަން އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު މި ފޯރިގަދަ ކުޅިވަރު މެދުކެނޑުމަށްފަހު، އަލުން މިއަހަރު، 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ނަމުގައި މިމުބާރާތް ބޭއްވުމަށް ސަރުކާރުން ވަނީ ހުއްދަދީފައެވެ. އަދި މިހާރު، މި މުބާރާތް އިއުލާންކޮށް، ގުރުއަތު ނަގާފައިވާއިރު، 34 ޓީމުން 1000 އަށްވުރެ ގިނަ ޒުވާނުންމިވަނީ ބައިވެރިވެފައެވެ. އަދި ޓީމުތަކުން ބައިބަލާ އިންގު އަޅައި، ޕްރެކްޓިސްތަކާއި، ޖާޒީތަށް ޕްރިންޓުކޮށް ގިނަ ހަރަދުތަކެއް މިހާތަނަށް ކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަންއިން އެންމެ ބޮޑަށް އިސްކަންދެނީ ޑިސިޕްލިން ގޭމަކަށް ކަމަށް ވުމާއެކު، މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާއި ގުޅުވައި ފުލުހުން މި މުބާރާތް ހުއްޓުވާފައިވުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް މިހާރުވަނީ ގޮތްތަކެއް ނިންމާފައި ކަމަށެވެ.

އެގޮތުން މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ޓީމުތަކާމެދު ހަރުކަށި ފިޔަވޅު އެޅުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

"މިމުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާއި ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިންކަން ފާހަގަކޮށްލަމެވެ. އެގޮތުން ފުލުހުން އެދުނުގޮތައް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް މި އެސޯސިއޭޝަނުން ވަނީ ހަމަޖައްސާފައިކަން ފާގަކޮށްލަމެވެ." ނޫސްބަޔާނުގައި ބުުނެފައިވެއެވެ.

ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާގޮތައް ކުރިއަށް ގެންދިޔުމަށް މި އެސޯސިއޭޝަނުން ނިންމައި، އެކަންކަން އިންތިޒާމްކުރަން ފަށާފައިވާވާހަކަ ޓީމުތަކާއި، މިކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށާއި ރާއްޖޭގެ ސަލާމަތްތެރިކަމަކީ ދިވެހި ފުލުހުން ގެ ހިދުމަތުން ބަލައި ކަށަވަރުކުރަން ޖެހޭކަމަށްވީހިނދު، އެ އެސޯސިއޭޝަނުން ކުރިއަށްދާނީ ފުލުހުންގެ އިރުޝާދާއެކު އެންމެ މަސްލަހަތުހުރިގޮތެއްގައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް