ދިވެހީންނަކީ ޒަމާނުއް ސުރެ އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބި ބައެކެވެ. ނަމަވެސް ޒަމާންވީ ރިވެތި އުސޫލުތަކާއި ސަގާފަތް ނައްތާލަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށްގެން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ނައްތާލަން މަދު ބަޔަކު އެކުވެެން މަސައްކަތް ކުރަމުން ދާ ކަމީ ހިތާމައާއެކު ގަބޫލުކުރަންޖެހިފައިވާ ހިތި ހަގީގަތެކެވެ. ހަރުކަށި ފިކުރުގެ އަމަލުތަކުގެ ތެރެއަށް ކުޑަކުދިންނާއި ޒުވާނުން ވެއްދުމަށް ކުރަމުންދާ މަސައްކަތަކަށް އާންމުން ހޭލުންތެރިވެ ސަމާލުވާން މި ވަނީ ޖެހިފައެވެ.
މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފަރުދުންގެ މެދުގައި ހަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި ވަކި ޖަމާއަތްތަކެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. ނިރުބަވެރި ކަމާއި، އެނޫނަސް ހަރުކަށި ފިކުރާ ގުޅޭ އެންމެހާ ނުރައްކާތެރި ކަންކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުތައް ތަންފިޒު ކުރާ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ވަކި މީހެއް ނޫން، އެންމެ ނުފޫޒުގަދަ މީހާއަށް ވެސް މި ނުރައްކާ އެބަ އޮތް!
ރޭގެ ވަގުތެއްގައި މި ވަނީ މުޅި ދިވެހިރާއްޖެ ސިއްސުވާލި ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެ ހަމަލާއަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާއެކެވެ. ނިރުބަވެރި ހަމަލާއެކެވެ. ރައިސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް ތަޙުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މިއީ ޓެރަރިޒަމްގެ ޢަމަލެއްކަމަށާއި ތަޙުގީގު ކުރިއަށް މިހާރު ގެންދަނީ އެފަދަ ޢަމަލެއްގެ ގޮތުގައިކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ފޮރެންސިކްގައި ލިބެންހުރި ވަޞީލަތްތައް މިތަޙުގީގުގައި ބޭނުންކުރަމުން އަންނަކަމަށާއި މިވަގުތު ޔޫއެންއޯސީޑީގެ ފަރާތުން ރާއްޖޭގައި ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެބޭފުޅެއްގެ އެހީތެރިކަން މިތަޙުގީގަށް ލިބެމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ތަޙުގީގު އިތުރަށް ފުޅާކުރުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅުން މާދަމާ އައުމަށް ހަމަޖެހިފައިވާކަމަށްވެސް ޕޮލިހުން ބުނެއެވެ.
މި ދައްކަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ބާރުތަކުން އެއް ބާރުގެ ވެރިޔާގެ ވާހަކައެވެ. އާދެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކައެވެ. އެހެންކަމުން އަދި އާންމު ރައްޔިތު މީހާ ކިހާ ވަރަކަށް މިފަދަ ކަންކަމަށް ސަމާލުވާންޖެހޭނެތޯއެވެ؟ ވިސްނާލާށެވެ.
ފާއިތުވި 3 އަހަރަށް ނަޒަރެއް!
މިދިޔަ އަހަރު ފަހުކޮޅު ވަނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދޯންޏަކާއި، ތ. ތިމަރަފުށިން 16 ގެއެއް ބަލާފާސްކޮށް، ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރު ކުރި 8 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅުމާއި، އައިއެސް ޖަމާއަތާ ގުޅިގެން ޓެރަރިޒަމް ހަމަލާ ދޭން އުޅުމާއި އަދި އެފަދަ އަމަލުތަކަށް ފަންޑު ކުރުމުގެ ތުހުމަތު ވެސް ހިމެނެއެވެ. އެމީހުން ވަނީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނު ހެދުމާއި، ތިމަރަފުށީ ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ވެސް ކޮށްފައެވެ. އަދި އެރަށުގައި ވެސް ކުޑަކުދިންނާއި ޒުވާނުން ހަރުކަށި ފިކުރުގެ ތެރެއަށް ވައްދަން ވަނީ މަސައްކަތް ކޮށްފައެވެ.
2019 ވަނަ އަހަރުގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ.
އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނީ އެ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކަށް ނާޒާއިޒް ފައިދާނަގައި އަންހެނުންނާއި ކުޑަކުދިން މުޖުތަމައު އާއި ވަކިކޮށް ވެކްސިންނުދީ، ތައުލީމް ހާސިލްކުރުމުން މަހްރޫމްކޮށް އަންހެންނާއި ފުރާނާ އަށް ނުރައްކާތެރި ހާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާއިދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއިދުކޮށް އެކަން ދިފާއުކޮށް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. މަޑުއްވަރީ ގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފެންމަތިވީ މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ފިރިހެން މީހާ އަކީ އެ ރަށު ހަރުކަށި ފިކުރު ގެންގުޅޭ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.
މިދިޔަ އަހަރު ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޯލެވެލް އިމްތިހާން ހަދަމުންދިޔަ ވަގުތާއި ދިމާކޮށް ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު މަސައްކަތް ކުރިކަމަށް ފުލުހުންނަށްވަނީ އެނގިފައެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއެކު އެވެ. އަދި އެރަށުގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށްކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ތިމަރަފުށިން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗްކުރަމުން ދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންނެވެ. އެގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި ޓެރަރިޒަމްގެ އަމަލެއްކުރުމަށް ގޮވާލައި އެކަމަށް ހިއްވަރުލިބި، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ތިމަރަފުށީގެ 16 ގެއެއް ބަލައިފާސްކޮށް، "ނަސާޙް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ބަލާ ފާސްކޮށްފައިވާއިރު މި މައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހެއްގެ ފޯނުން، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚޮރާސަންޕްރޮވިންސް ގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމާ ގުޅޭ ލިޔުމެއްފެނިފައިވާ ކަަމަށެވެ. އަދި ނޮވެމްބަރ 11 ވަނަ ދުވަހު "ނަޞާޙް-3" ދޯނި ބަލައިފާސްކުރިއިރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ކަމަށްބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވާއިރު ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައިފާސްކުރިއިރު 10 މީޓަރުއަޑިން، ބަޑިބޭސް އެކުލެވޭކަމަށްބެލެވޭ ކާޓްރިޖްތަކެއް ވެސް ވަނީ ފެނިފައެވެ.
މީގެއިތުރުން މައްސަލައާ ގުޅިގެން ބަލައިފާސްކުރި ގެއަކުން، އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރުކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާއިރު މިމައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ވެސް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ހަރުކަށި ފިކުރުގެ މީހުނަކީ ކޮބާ؟ ސާފު ޖަވާބެއް!
ދީނީ ގޮތުން ހަރުކަށި ފިކުރުގެ ފަރާތްތަކަކީ ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ގޮތްތައް ގެންގުޅެ، އެގޮތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. ދީނަށް ލޯބިކޮށް، ދީނުގެ ޝިއާރުތައް ފާޅުކޮށް، ދީނަށް ނަޞްރުދީ، ދީން ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންނަށް ދީނީ ހަރުކަށި ފިކުރުގެ މީހުންނެކޭ ކިޔައިގެން ނުވާނެއެވެ. އަދި ނުވެސް ކިޔޭނެއެވެ.
ދީނީ ހަރުކަށި ފަރާތްތައް ކަމަށް ބަލަނީ "ހައްދު ފަހަނައަޅާފައިވާ" ފަރާތްތަކެވެ. ޢަރަބި ބަހުގައި ހައްދު ފަހަނައެޅުމަށް ކިޔަނީ "އަލްޣުލުއްވު" އެވެ. މި ލަފުޒުގެ ލުޣަވީ މާނައަކީ ކަމެއްގައި ކަނޑައެޅިފައިވާ އިން ފަހަނައަޅާ ދިއުމެވެ. އަލްލުޣުލުއްވުގެ އިޞްޠިލާޙީ މާނައަކީ ހައްދު ފަހަނައަޅާ ދިއުމެވެ. އެއީ އެ އެއްޗަކަށް ޙައްޤުވެގެންވާ ވަރަށްވުރެ ބޮޑަށް ސަނާ ކިޔުމުންނާއި ޤަދަރު ކުރުމުގެ ގޮތުން އެއްޗަކަށް އިތުރުކުރުމެވެ. ނުވަތަ އެއީ ކަމެއްގައި ކަނޑައެޅިފައިވާ އިމުން ބޭރުވެ ހަރުކަށިވުމެވެ.
ހަރުކަށި ފިކުރަށް ހުށައެޅޭ މައިގަނދު ސަބަބުތައް!
އެންމެ ފުރަތަމަ ކަމަކަށް ކީރިތި ޤުރުއާނުގެ މާނަ ފަހުމު ނުވުމެވެ. ކީރިތި ޤުރުއާން ވިސްނޭނީ ޢަރަބިބަހާއި، ޤުރުއާން ތަފްސީރު ކުރުމަށް ޢިލްމުވެރިން ގެންގުޅުއްވާ އުސޫލުތަކާއި ޝަރީޢަތުގެ މަޤާޞިދުތަކާއި، ސުންނަތް ވަރަށް ބޮޑަށް އެނގިގެންނެވެ. އުންމަތުގެ ސަލަފުން ކީރިތި ޤުރުއާން މާނަ ކުރައްވާފައިވާގޮތް ނުބަލައި، އަމިއްލަ ވިސްނުމަށް ޤުރުއާން މާނަކޮށް ހަދަން ފަށައިފިނަމަ އިސާހިތަކު މީހާ މަގުން ކަހާލަފާނެއެވެ. ޢިލްމުވެރިންގެ ބަސް ޤަބޫލުކުރުމުގެ ބަދަލުގައި، ދީނީ ގޮތުން އެއްވެސް އެއްޗެއް ކިޔަވާފައިނުވާ މީހުންގެ ބަސް ޤަބޫލުކުރަން ފަށައިފިނަމަ ވަރަށް އަވަހަށް މަގު އޮޅިދާނެއެވެ.
ކީރިތި ރަސޫލާގެ ސުންނަތަކީ ކޮބައިކަން ނޭނގުމަކީ އަނެއް ސަބަބެވެ. ރަސޫލާގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ޝަރަޙައެވެ. އިސްލާމީ ޝަރީޢަތުގެ ޢަމަލީ ނަމޫނާއެވެ. ކީރިތި ޤުރުއާނުގެ މާނަ ދެނެގަނެވޭނީ ސުންނަތުން ބަލައިގެންނެވެ. ހައްދުފަހަނައަޅައިދިނުމުގެ ސަބަބުތަކުގެ ތެރެއިން ކީރިތި ރަސޫލާގެ ސުންނަތް ފަހުމުނުވާ ގިނަ މީހުންނަށް ސުންނަތުގެ ތެރެއިން އެނގިފައި އޮންނަނީ ވަރަށް މަދު މިންވަރެކެވެ. އެކަމަކު އޭނާ ހީކުރަނީ ހުރިހާ އެއްޗެއް އޭނާއަށް އެނގޭ ކަމަށެވެ. އޭނާ ދަންނަ ހަދީސެއް ނޫނީ އޮންނަ ކަމެއް ނޭނގެއެވެ. އަދި އެހެން ހަދީސެއް އޮވެދާނެކަމަށް ނުވަތަ އޮންނާނެކަމަށް ޤަބޫލުކުރާކަށް ވެސް ބޭނުމެއް ނުވެއެވެ.
ދެން އޮތީ އަސްހާބުންގެ ވާހަކައެވެ. ކީރިތި ރަސޫލާގެ އަޞްޙާބުންނަކީ ޝަރުޢުގެ މައިގަނޑު އުސޫލުތަކުގެ ތެރޭގައި ހިމެނޭ އަސްލެކެވެ. އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ކީރިތި ޤުރުއާން ބާވާލެއްވުނު އަދި އެ ޤުރުއާނަށް ކީރިތި ރަސޫލާ އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ޢަމަލު ކުރެއްވި ގޮތް އެނގިވަޑައިގަންނަވާނީ އެ ބޭކަލުންނަށެވެ. އެހެންކަމުން އިސްލާމްދީނުގެ އެންމެ ހެޔޮ ވިސްނުން އަދި އެންމެ ރަނގަޅު ތަޞައްވުރު ލިބޭނީ ޝަރުޢީ ނައްޞުތައް އެ ބޭކަލުންގެ ވިސްނުންފުޅާ އެއްގޮތަށް ތަފްސީރުކޮށްގެންކަން ކަށަވަރެވެ. ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށިކަން މުސްލިމުންގެ މެދުގައި އުފަންވެގެން އައީ އުންމަތުގެ ސަލަފުންނާއި ޢިލްމުވެރިންގެ ޤަދަރު އުންމަތުގެ ބަޔަކަށް އޮޅުމުގެ ސަބަބުންނެވެ.
އީމާންކަމަކީ ހިތުން ޔަޤީންކުރާ ޔަޤީންކުރުމާއި، ދުލުން ވާ އިޤްރާރަކާއި، ގުނަވަންތަކުން ކުރާ ޢަމަލެކެވެ. ހެޔޮ ޢަމަލުން އީމާންކަން އިތުރުވެ، ނުބައި ޢަމަލުން އީމާންކަން އުނިވެއެވެ. އީމާންކަމުގައި ހިމެނޭ އިސްވެ ދެންނެވުނު ތިން ޝަރުތު ހަމަވެއްޖެނަމަ އެއީ މުއުމިނެކެވެ. ހަރުކަށި ފަރާތްތަކުން ޤަބޫލުކުރަނީ އީމާންކަން އުނިއިތުރުނުވާ ކަމަށެވެ. ބޮޑެތި ފާފަވެރިން ކާފަރުކުރަނީ އެހެންވެއެވެ. އެ މީހުން ދެކެނީ އަޒާބު ލިބޭ މީހަކަށް ސަވާބެއް ނުލިބޭނެ ކަމަށެވެ. ކުރާ ފާފައަކުން އެމީހާގެ ހުރިހާ ހެޔޮ ޢަމަލެއް ފިލާދާކަމަށް ޤަބޫލުކުރެއެވެ. އީމާންކަމަކީ އެތައް ބަޔަކަށް ބެހިގެންވާ ކަމެކެވެ. ކޮންމެ ފާފައަކުން މީހާ ދީނަކުން ބޭރެއް ނުވާނެ ކަމެއް އެމީހުންނަކަށް ނޭނގެއެވެ.
އިސްލާމްދީނުގައި ހެޔޮކަންތައްތަކާއި ހަރާމް ކަންތައްތައް ވެސް ވަނީ ދަރަޖަތަކަކަށް ބެހިފައެވެ. ވައްކަން ކުރުމާއި، ޝިރުކުކުރުމަކީ ވެސް ހަރާމް ދެކަމެވެ. އެހެންނަމަވެސް އެއީ އެއްފަދަ ދެ ކަމެއް ނޫނެވެ. ކުފުރުގެ ތެރޭގައި ޢަޤީދާގެ ކުފުރާއި ޢަމަލުގެ ކުފުރު ހުރެއެވެ. އެއަށް ބޮޑުކުފުރާއި ކުޑަކުފުރޭ ކިޔައެވެ. އަދި ބޮޑު ޝިރުކާއި ކުޑަ ޝިރުކޭ ވެސް ކިޔައެވެ. ޢަޤީދާގެ ކުފުރަކީ އިސްލާމީ މިއްލަތުން ބޭރުވެ ތާ އަބަދަށް ނަރަކައިގައި އޮންނާނެ ކުފުރެވެ. ޢަމަލުގެ ކުފުރަކީ މާތް ﷲގެ ވަޢީދަށް ހުށަހެޅޭ، ނަމަވެސް އޭނާއަށް ދާއިމީ ތަނަކަށް ނަރަކަ ނުވާ ކުފުރެވެ. އާންމުކޮށް ހުރިހާ ފާފަތަކެއް ހިމެނެނީ މި ކުފުރުގެ ތެރޭގައެވެ. ކުފުރަށް ފަހު އޮންނަނީ ހަރާމް ކަންތައްތަކެވެ. ހަރާމް ކަންތައްތައް ވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ ބޮޑެތި ފާފަ އާއި ކުދި ފާފައެވެ. މިކަންކަމުގައި އޮޅުން އެރުމަކީ ހަރުކަށި ފިކުރަށް މީހުން ހުށަހެޅޭ ސަބަބެކެވެ. މީސްތަކުންގެ ދަރަޖަތައް ނޭނގުމަކީ ވެސް ހަރުކަށި ފިކުރަށް މީހާ ހުށަހެޅޭ ސަބަބެކެވެ.
ދިވެހިރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންގެ ފަރާތުން ފެންނަ މައިގަނޑު ކަންކަމަކީ ކޮބާ؟
މީގެ ތެރޭގައި ހިމެނެނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤަބޫލު ނުކުރުމާއި، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި، ކޯޓުން ބޭރުގައި ކައިވެނިކުރުމާއި، ބޭރުގެ ޤައުމުތަކުގައި ކުރެވޭ ދާޚިލީ ހަނގުރާމަތަކަށް މީހުން ފޮނުވުމާއި ބައިވެރިވުމާއި، މީހުން ކާފަރުކުރުމާއި، ދަރިންނަށް ވެކްސިން ނުދިނުމެވެ.
ހަރުކަށި ފިކުރު ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރައްވާ!
ތިމާއާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލެއް ނުވަތަ އެފަދަ އަމަލުތަކަށް މަގުފަހި ކުރުމުގެ ހަރަކާތްތައް ފާހަގަ ކުރެވޭ ނަމަ، ލަސް ނުކޮށް އެކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހިއްސާކުރާށެވެ. އަދި ހަރުކަށި ފިކުރުގެ ނުރައްކާތެރި ވަބާއިން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްތަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އިތުރަށް ސަމާލުވާށެވެ. މި ފިކުރާ ގުޅޭ މައުލޫމާތު އެ ކުދިންނަށް ބުނެދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް