ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މީހުންނާ ދިމާލަށް ޔުނީފޯމް އެޅި ބޭފުޅުން ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައްދަލުވުމުގައި އިތުރަށް އެކަމަނާ ވިދާޅުވީ، ހަމަލާއެއްގެ ކަމެއްގެ އެއްވެސް މައުލޫމާތެއް ލިބޭ ނަމަ އަދި އެފަދަ ކަމެއް ފާހަގަވާ ނަމަ އަވަހަށް އެމްއެންޑީއެފް އަށާއި، ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އެންގުމަށް އެދޭ ކަމަށެވެ. މިއީ އެންމެން އެކީގައި އެކަން ކުރި ބަޔަކު ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށާއި، ކިތަންމެ ކުޑަ ކަމެކޭ ހީވިޔަސް އެއީ މުހިންމު މައުލޫމާތަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ގޮވި އެއްޗެއްގެ ސަބަބުން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވި އިރުވެސް އަމިއްލަ ފުރާނައަށް ނުބަލައި، ގައުމުގެ ވެރިންނާއި ރައްޔިތުންގެ ސަލާމަތަށް އެ ކުރެއްވި މަސައްކަތަކީ އެންމެންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެ ހާދިސާއިން ވެސް އެބޭފުޅުންގެ ޓްރެއިނިންގެ ވަރުގަދަކަމާއި މޮޅުކަން ހާމަވާ ކަމަށާއި، އެހެންވީމާ އެ ހާލަތުގައި ބޮޑު އެމަޖަންސީއެއްގައި އަމަލު އެ ކުރެއްވި ގޮތް އެ ބޭފުޅުން ކިޔައިދިނުމުން އެބޭފުޅުންގެ މޮޅުކަން ހާމަވިކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ބޮޑީގާޑުންގެ ވާހަކައިން އެ ޓައިމްލައިން އެނގުނު އިރު އެ ބޭފުޅުންގެ މަސައްކަތަށް ހައިރާންވެވަޑައިގަންނަވާ ކަމަށާއި، 10 މިނެޓު ވެސް ނުވަނީސް ރައީސް ނަޝީދު އެމަޖެންސީއަށް ވެއްދުނު އިރު އެ ހާލުގައި ވެސް އެމަނިކުފާނުގެ ހާލުކޮޅު އަހައި އޮޅުން ފިލުވަމުން ދިޔަ ކަމަށެވެ. އަދި އެވަގުތު ވެސް އެ ހާލުގައި އޮންނަވައިގެން ވެސް ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް