ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ޔޫކޭގެ ރެޑް ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޔޫކޭގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝަޕްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޔޫކޭއިން މި ލިސްޓަށް އަލަށް ތިން ގައުމެއް އިތުރުކޮށްފައިވެއެވެ.
އެއީ ރާއްޖޭގެ އިތުރުން ތުރުކީއާއި ނޭޕާލެވެ.
މި ލިސްޓަށް އިންޑިއާވެސް ލާފައިވަނީ ދާދި ފަހުންނެވެ. އުސޫލެއްގެ ގޮތުން ގައުމެއް ރެޑް ލިސްޓަށް ލާނެކަން އިއުލާނުކުރި ނަމަވެސް ލިސްޓަށް އެ ގައުމެއް ލަނީ ދިހަވަރަކަށް ދުވަސް ފަހުންނެވެ.
މި ލިސްޓަށް ލާފައިވާ ގައުމަކަށް ޔޫކޭގެ ރައްޔިތަކު ދަތުރުކޮށްފިނަމަ އެނބުރި އައުމުން އެތައް ފަހަރަކު ޓެސްޓް ހަދަން ޖެހޭނެ ކަމަށާއި އައިސޮލޭޝަން ޕްރޮސެސްވެސް ވަރަށް ހަރުކަށިވާނެ ކަމަށް ބުނެފައިވެއެވެ.
މި ލިސްޓަށް ރާއްޖެ ލާފައިވާއިރު ކޮވިޑުގެ ހާލަތު ރާއްޖޭގައި މިވަނީ ވަރަށް ގޯސްވެފައެވެ. ދުވާލަކު 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުން އަންނައިރު ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އަށް މީހަކު މިވަނީ މި ވައިރަހުގައި ދުނިޔެ ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް