ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ބޮމުގެ ހަލަމާގެ ސަބަބުން ލިބިވަޑައިގެންފައިވާ ޒަހަމްތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ފަރުވާ ދިނުމަށް ބޭރަށް ގެންދިއުމަށް ނިންމައިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެމަނިކުފާނު ގެންދަނީ ސިންގަޕޫރަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ސިންގަޕޫރަށް ގެންދިއުމަށް ނިންމާފައިވާއިރު، އެމަނިކުފާނަށް އޭޑިކޭގައި ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައެވެ. އެއޮޕަރޭޝަންތަކަކީ ބޮން ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި ފަޔަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އޮޕަރޭޝަންތަކެވެ. މި އޮޕަރޭޝަންތަކަށް 16 ގަޑިއިރު ހޭދަވި އެވެ.
އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމުގައި ކޮށްފައިވާ އޮޕަރޭޝަންތަކަކީ ކާމިޔާބު އޮޕަރޭޝަންތަކެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު ހާލު ސީރިއަސް ކަމުން ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މިހަމަލާގައި ރައީސް ނަޝީދާއިއެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބޮޑީގާޑުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް