ކ. ގާފަރުން އިންޑިއާގެ ދެ ފަތުރުވެރިޔަކު ފައްސިވި ނަމަވެސް އެޗްޕީއޭ އިން އެ ރަށް މޮނިޓަރިންގއަށް ނުލައި ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ
ގާފަރުން އެންމެ ފުރަތަމަ ފަތުރުވެރިއަކު ފައްސިވީ 5 މެއި 2021 ގައެވެ. އަދި 5 މެއި 2021ގައި ޕޮޒިޓިވް ކޭސް އާއި ގުޅުން ހުރި މީހަކު މިއަދު ވަނީ ފައްސިވެފައެވެ.
ގާފަރު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ހާޝިމް ވިދާޅުވީ، ފައްސިވީ އިންޑީއާއިން އައި 6 ފަތުރުވެރިންގެ ގުރޫޕެއްގައި ހިމެނޭ 2 މީހެއް ކަމަށާއި އެ އެންމެން ވެސް ވަނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.
އޭނާ ވިދާޅުވީ، ފައްސި ވި މީހުން ރަށު ތެރޭގައި އުޅުނު ކަމަށާއި ރަށުގެ އެކިއެކި ތަންތަނުން ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ފައްސިވި މީހާއާ ބައްދަލުވެފައިވާ މީހުންނާއި އެ މީހުންނާ ގުޅުންހުރި 40 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރޭން ނަތީޖާ ލިބިފައި ވަނީ 4 މީހެއްގެ ކަމަށާއި އޭގެ ތެރޭން އެކަކު ފިޔަވައި އެހެން އެންމެންގެ ނަތީޖާ ނައްސި ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.
މި ކޭސްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ގާފަރު ސިއްހީ މަރުކަޒުން ބުނެއެވެ.
މި ކޭސްތަކާއި ގުޅިގެން އެ ރަށް އަދި މޮނިޓަރިންގެ ހާލަތަކަށް ނުގެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް