ސާބިއާގައި ކޯވިޑް-19 ވެކްސިން ޖަހާ މީހުންނަށް އެ ގައުމުގެ ސަރުކާރުން ފައިސާގެ އިނާމު ދޭން ފަށައިފި އެވެ.
މިއީ ގައުމެއްގައި ކޯވިޑް ވެކްސިން ޖަހާ މީހުންނަށް ފައިސާގެ އިނާމު ދޭ ފުރަތަމަ ފަހަރެވެ. އެ ގައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޯވިޑް ވެކްސިން ޖަހާ ކޮންމެ މީހަކަށް 30 އެމެރިކާ ޑޮލަރު ދޭށެވެ.
އެ ފައިސާގެ އިނާމަކީ ފަރުދީ ޒިންމާ އަދާ ކުރުމުން އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެއްޗެކެވެ. ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް އެފަދަ އިނާމެއް ސަރުކާރުން ހުށަހަޅާފައިވަނީ އެ ޤައުމުގައި ވެކްސިން ޖެހުމަށް އޮތް ތަރުޙީބު އިތުރުކުރުމުގެ މަޤްޞަދުގައެވެ.
އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އުމުރުން 16 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން ވެކްސިންގެ އެއް ޑޯޒު ނުވަތަ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެ އިނާމު ދޭނެކަމަށެވެ. އެ ގައުމުގެ ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް އާބާދީގެ 55 ޕަސެންޓު މީހުންނަށް ކޯވިޑްގެ ދެ ޑޯޒު ދިނުމެވެ.
ސާބިއާ ސަރުކާރުގެ އިތުރުން އެ ގައުމުގެ މަޝްހޫރު ބޮޑެތި ޝޮޕިން މޯލްތަކުގައިވެސް ދަނީ ކޯވިޑް ވެކްސިން ޖަހާ މީހުން ގަންނަ އެއްޗެހިން 30 ޕަސެންޓު ޑިސްކައުންޓް ދެމުންނެވެ.
ވެކްސިން ޖެހުމަކީ ސާބިއާގައި މަޖުބޫރު ކަމެއް ނޫނެވެ. އެކަމަކު ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ބައެއް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެގޮތުން ވެކްސިން ނުޖަހާ މުވައްޒަފަކަށް ކޯވިޑް ޖެހުނަސް ވަޒީފާއަށް ސަލާމް ނުބުނެވޭގޮތް ވަނީ ހަދާފަ އެވެ.
ސާބިއާ އަކީ ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް