މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރާއިރު 14 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލު ބަދަލު ކޮށްފި އެވެ.
އެންމެ ފުރަތަމަ ކަރަންޓީން އުސޫލުގައި އޮތީ 14 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށެވެ. އެކަމަކު ފަހުން އާންމުންގެ ޝަކުވާ ބޮޑުވެ އެ މުއްދަތު 10 ދުވަހަށް ކުރު ކުރީ އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ މީހުން 14 ދުވަހަށް ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް އަންގަވަ އެވެ.
އެންގުމުގައި ބުނެފައިވަނީ ކަރަންޓީން ވާން ޖެހޭ މުއްދަތު އަނެއްކާވެސް އިތުރު ކުރަން ނިންމީ ކޯވިޑް ފެތުރުން ކޮންޓްރޯކް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ނުރައްކާތެރި ފައްތަރެއްގައި އޮތް އިރު މާލޭގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދަނީ ރޭގަނޑު ކާފިއު ހިންގަމުންނެވެ. މީގެ އިތުރުން، ބ. އޭދަފުށި، އއ. މަތިވެރި، ޅ. ނައިފަރު، ކ. މާފުށި އަދި އއ. އުކުޅަހާއި އައްޑޫ ސިޓީ އާއި ފުވައްމުަކު ސިޓީގައި މިރެއިން ފެށިގެން ކާފިއު ހިންގަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް