ކުރީފެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ހަމަލާ ދިން ސަރަހައްދުން އާދަޔާ ޚިލާފު ކަމެއް ފާހަގަކުރެވޭ ނަމަ ނުވަތަ މި ހަމަލާއާ ގުޅުންހުރި މައުލޫމާތެއް އެނގޭ ނަމަ ފުލުހުންނަށް ހިއްސާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސްކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ފަދަ މައުލޫމާތެއް ހިއްސާކުރައްވާނީ 9704000 މި ނަމްބަރު ފޯނަށް ކަމަށެވެ. މައުލޫމާތު ހިއްސާކުރާ މީހާގެ މައުލޫމާތު ފުލުހުން ސިއްރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ހާދިސާ ހިނގި ސަރަހައްދުން ޝައްކުކުރެވޭ ހަރަކާތްތައް ހުރި ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝައްކުކުރެވޭ 4 މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި 4 މީހުންނާ ދޭތެރޭ ޝައްކު އުފެދިފައިވާ ސަބަބުތައް މީޑިއާތަކަށް ހާމަކުރެވެން ނެތްކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ
މި މައްސަލައިގެ ތަހުޤީޤާ ގުޅޭ މައުލޫމާތު ޕީޖީއާ ވަނީ ހިއްސާ ކުރެވިފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި، ޕީޖީ އާއެކު މަަޝްވަރާ ކުރެވިގެން މައްސަލައިގެ ތަހުގީގު ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިހާރު މި ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރީޒަމްގެ އަމަލެއްގެ ގޮތުގައިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން ހޮނިހިރު ދުވަހު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމް މާދަމާ މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް