މިހާތަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މީ ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއެއް: ޕޮލިސް

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ތަހުގީގު ކުރިއަށްދަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ބަލައިގެން ކަމުގައި ފުލުހުން ބުނ...

07 May 2021 | 08:28

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ތަހުގީގު ކުރިއަށްދަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ބަލައިގެން ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެންމެ ބޮޑު އިސްކަމެއް ދީގެންނެވެ.

"މިގޮތުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން މި ސާވިސްގައި ލިބެންހުރި ހުރިހާ ވަސީލަތެއް މިދަނީ ބޭނުންކުރަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.

މި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުލެއް މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމުގައި ފުލުހުންވެސް ބުނެފައިވެއެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިންގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، މި ހަމަލާ ތަހުގީގުކުރުމުގައި ލިބެމުން އަންނަ ކަމުގައިވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހަމަލާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަކށްފައިވާ ހޮޓްލައިން 970400 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މާލެ ބެލެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް