ކޯވިޑްގައި މިއަދު ދެ މީހުން މަރުވެއްޖެ، އެކަކު މާފުށިން، ޖުމްލަ 81 އަށް

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހުން މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ފުރަތަމަ މަރުވެފައިވަނީ 60 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ...

07 May 2021 | 07:36

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހުން މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ފުރަތަމަ މަރުވެފައިވަނީ 60 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 3:47 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އެޗްޕީއޭއިން ބުނީ އެމީހާ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އެއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 80 ވަނަ މީހާ އެވެ.

ދެން މިއަދު މަރުވެފައިވަނީ 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 7:50 ހާއިރު އެވެ.

މަރުވި އިރު އެމީހާ ހުރީ މާފުށީގައި ކޯވިޑް ޖެހިގެން އައިސޮލޭޓް ކޮށްފަ އެވެ. އެމީހާ ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 81 ވަނަ މީހާ އެވެ.

އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން ކޯވިޑްގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ ކޯވިޑް ޖެހިގެން ފަސް މީހަކު ރާއްޖެއިން މަރުވި އެވެ.

އިއްޔެ މަރުވެފައިވަނީ ޅ. ނައިފަރުގައި ކޯވިޑަށް ފަރުވާދެމުން ދިޔަ ދެމީހަކާއި އއ. ރަސްދޫގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް