މިމަހުގެ ތިން ވަނަ ދުވަހު ކުރިޔަށް ދިޔަ އެސްއެސްސީ އިމްތިހާނުގެ އިސްލާމް ޕޭޕަރު 1 ގެ ބަދަލުގައި ދިވެހި ޕޭޕަރު 1 ދެވުނު ކަމަށްވިޔަސް ދަރިވަރުން އެ ޕޭޕަރު ބަލާފައި ނުވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން ބުނެފި އެވެ.
މިކަން ހިނގާފައިވަނީ މިދިިޔަ ހޯމަ ދުވަހު ހުޅުމާލޭ ގާޒީ ސްކޫލްގައި އެވެ. އެ ސްކޫލްގެ ދެ ދަރިވަރެއްގެ މޭޒުމަތީގައި އިންވިޖިލޭޓަރަށް އޮޅިގެން ބޭއްވި ފައިވަނީ އިސްލާމް ޕޭޕަރު 1 ގެ ބަދަލުގައި ދިވެހި ޕޭޕަރު 1 އެވެ.
އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ގާޒީ ސްކޫލްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ދަނީ ދިވެހި ޕޭޕަރު 1 އިމްތިހާނު ހޮނިހިރު ދުވަހު ހަދައިގެން ނުވާނެ ކަމަށާއި އެ ޕޭޕަރު އަލުން ތައްޔާރު ކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.
މިކަމާއި ގުޅިގެން ޑީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޑިޕާޓްމެންޓުން ގާޒީ ސްކޫލްގައި ހިނގާދިޔަ ހާދިސާ ބަލައި އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ބެލިބެލުމުން އެ ދެ ދަރިވަރުންނަށް ދިވެހި ޕޭޕަރު 1 ގައި ހުރި ސުވާޅުތައް ފެނިފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ޑީޕީއޭއިން ބުނީ ރާއްޖޭގައި ހަދާ ބައިނަލް އަގުވާމީ އިމްތިހާނުތަކާއި ގައުމީ އިމްތިހާނުތައް އިންތިޒާމް ކުރެވިފައިވާ ގޮތުން ސުވާލު ކަރުދާސް މޭޒުމަތީގައި ބެހެއްޓުމަށް ފަހު ދަރިވަރުން ސުވާލު ކަރުދާސް ކިޔާނީ އެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ރަނގަޅަށް ޗެކް ކުރުމަށް ފަހު އިމްތިހާން ހޯލު ހިންގުމާއި ހަވާލުވެ ހުންނަވާ އިންވިޖިލޭޓަރު އެކަމަށް އިރުޝާދު ދިނުމުން ކަމަށެވެ.
އެހެން ކަމުން ހޮނިހިރު ދުވަހު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ދިވެހި އިމްތިހާނު އޮންނާނެ ކަމަށާއި ޕޭޕަރު އަލުން ތައްޔާރު ނުކުރާނެ ކަމަށް ޑީޕީއޭއިން ބުންނެވެ.
ޑިޕީއޭގެ ބަޔާނުގައި ބުނީ ގާޒީ ސްކޫލްގެ އެ ހާދިސާއަށް ފަހު ދަރިވަރުންނަށް ދެވުނު ދިވެހި ދެ ޕޭޕަރު އަތުލައި އެ ޑިޕާޓްމެންޓުގެ އިރުޝާދާއި އެއްގޮތަށް ބަންދު ކުރެވި ރައްކާތެރި ކޮޓަރީގައި ރައްކާކުރެވިފައިވާ ކަމަށެވެ.
މި ހާދިސާ ހިންގާފައިވާއިރު މެއި ޖޫންގެ އޭލެވެލް އިމްތިހާނުގެ ޓެސްޓު ޕޭޕަރުތައް ރާއްޖެއިން ބޭރުގައި ލީކުކޮށްލި މައްސަލައިގަ އެޑިއުކޭޝަންއިން ވަނީ އޭލެވެލް އިމްތިހާނު ރާއްޖޭގައި ބޭއްވުން ކެންސަލް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް