މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 400 އިން މައްޗަށް އަރައިފި އެވެ.
ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮސިޓިވްވެ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު ކޯވިޑް ޖެހޭ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި އަނެއްކާވެސް އެ ރަށުން ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މާފުށީ ސިއްހީ މަރުކަޒުން ބުނީ އިއްޔެ އިތުރު 20 މީހުން އެ ރަށުން ކޯވިޑަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި މިއާއި އެކު މޮނިޓަރިންއަށް ލީފަހުން އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު 408 އަށް އަރާފައިވާ ކަމަށެވެ.
މާފުށިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 63 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިވަގުތު އެ ރަށުގައި އެކްޓިކް ކޭސްތަކުގެ އަދަދަކީ 345 އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ޕޮސިޓިވް ކޭސްތަކާއި ގުޅިގެން އެ ރަށުގެ 99 ތަނެއް ހުރީ ކަރަންޓީން ކޮށްފަ އެވެ.
މާފުށީގައި ކޯވިޑް ކޭސްތައް އިތުރުވެ ނުރައްކާތެރި ހާލަތެއްގައި އޮތުމުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް އެ ރަށުގައި ކާފިއު ހިންގަން ނިންމާފަ އެވެ. ކާފިއު ހިންގަން ނިންމާފައިވަނީ ކޮންމެ ދުވަހަކު ހަވީރު 4:00 ން ފަތިހު 4:00 އަށެވެ.
މީގެ އިތުރުން އެ ރަށުގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރުމުގެ އިތުރުން ގްރޫޕު ކަސްރަތާއި ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ވަނީ އަންގާފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފަ އެވެ.
ކާފިއު ނޫން ގަނޑިތަކުގައި ތިން މީހުންނަށްވުރެ ގިނައިން އެއްކޮށް ބޭރުގައި އުޅުން މަނާކޮށްފައިވާާއިރު ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް އެޗްޕީއޭއިން އަންގާފަވެ އެވެ. އަދި ސެލޫން އާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދު ކުރުމަށް އަންގާފަވެ އެވެ.
އެޗްޕީއޭގެ މި އެންގުމަށް މާފުށީގެ އިތުރުން ކޯވިޑް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ، ބ. އޭދަފުށި، ޅ. ނައިފަރު. އއ. މަތިވެރި އަދި އުކުޅަހުގައި މިއަދުން ފެށިގެން އަމަލު ކުރަން ޖެހެ އެވެ.
އަތޮޅު ތެރޭގައި ކޯވިޑް ފެތުރޭތީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތީ 30 ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް